އެމެރިކާގެ ނޭވީ ސެކްރެޓަރީ ޖޯން ފީލަން، ރައީސް ޓްރަމްޕްގެ ސަރުކާރުން ވަކިވެއްޖެ ކަމަށް ޕެންޓަގަންއިން ބުދަ ދުވަހު އިއުލާނުކޮށްފި އެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފީލަން މަގާމުން ވަކިވުމަށް ނިންމަވާފައިވަނީ ބުދަ ދުވަހުން ފެށިގެން އެވެ. އަދި ފީލަންގެ ބަދަލުގައި ނޭވީގެ އަންޑަސެކްރެޓަރީ ހަންގް ކާއޯ، ވަގުތީ ގޮތުން ސެކްރެޓަރީގެ މަގާމާ ހަވާލުވާނެ ކަމަށް ވެސް ޕާނެލް ވިދާޅުވި އެވެ.
ފީލަންއަކީ ފަހަކަށް އައިސް ޓްރަމްޕްގެ ސަރުކާރުން ވަކިވި އަސްކަރިއްޔާގެ މަތީ ފަންތީގެ އެންމެ ފަހުގެ ބޭފުޅާ އެވެ. އޭނާ މި މަގާމުން ވަކިވެފައި މިވަނީ، އީރާނާއެކު އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ތެރޭގަ އާއި، ހޮރްމޫޒް ކަނޑުއޮޅި އެމެރިކާއިން ބަންދުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ނޭވީން ފީލަން ވަކިވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، މިއީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު، އާމީ ޗީފް އޮފް ސްޓާފް ރެންޑީ ޖޯޖް މަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންނެވިތާ މަދު ހަފުތާއެއްގެ ތެރޭގައި ހިނގި ކަމެކެވެ. މީގެ އިތުރުން، އާމީގެ އެހެން ދެ އޮފިޝަލުން ކަމަށްވާ ޖެނެރަލް ޑޭވިޑް ހޮޑްން އަދި މޭޖާ ޖެނެރަލް ވިލިއަމް ގްރީން ވެސް ދާދި ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ހެގްސެތު ޕެންޓަގަންއާ ހަވާލުވެވަޑައިގަތް ފަހުން، އަސްކަރިއްޔާގެ މަތީ ފަންތީގެ ދިހައަކަށް ވުރެ ގިނަ އޮފިސަރުން ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ޗީފް އޮފް ނޭވަލް އޮޕަރޭޝަންސް އާއި އެއާ ފޯސްގެ ވައިސް ޗީފް އޮފް ސްޓާފް ހިމެނެ އެވެ.
ފީލަންއަކީ މީގެ ކުރިން އަސްކަރިއްޔާގައި ހިދުމަތްކޮށްފައި ނުވާ މަދަނީ ބޭފުޅެކެވެ. އޭނާ ނޭވީގެ ސެކްރެޓަރީގެ މަގާމުގެ ހުވާ ކުރީ 2025 ވަނަ އަހަރުގެ މާޗު މަހުގަ އެވެ. އޭނާގެ ބަދަލުގައި ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ކާއޯއަކީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަންޑާސެކްރެޓަރީގެ މަގާމާ ހަވާލުވި، ނޭވީގައި 25 އަހަރު ހިދުމަތް ކޮށްފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ނޭވީގެ ލީޑަޝިޕަށް މި ބަދަލު އައިސްފައި ވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށްފައި އޮތް އޮތުން ކުރިއަށްދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅީގައި ކުރިމަތިލުންތައް ކުރިއަށްދާއިރު، އީރާނުން ވަނީ އެ ސަރަހައްދުން ދެ އުޅަނދެއް ހިފަހައްޓާފައިވާ ކަމަށް ބުނެފަ އެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ، އީރާންގެ ބަނދަރުތައް އެމެރިކާގެ ނޭވީން ބަންދުކޮށްފައި އޮތް އޮތުމާ މެދު ރައީސް ހިތްހަމަޖެހޭ ކަމަށާއި، އީރާނު އޮތީ ވަރަށް ބަލިކަށި ހާލަތެއްގައިކަން ޓްރަމްޕް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް، އެމެރިކާއާ އެކު މަޝްވަރާކުރާ އީރާނުގެ އިސް މަންދޫބު މުހައްމަދު ބާގިރު ގާލީބާފް ބުދަ ދުވަހު ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވަމުންދާތީ، ހޮރްމޫޒް ކަނޑުއޮޅި އަލުން ނުހުޅުވާނެ ކަމަށެވެ.
ދަރިންގެ އަތުން ފޯނާއި ޓެބްލެޓް އަތުލުމުގެ ކުރިން ސަމާލުވޭ!
ހެދޭ އެންމެ ގޯހަކުން ހެނދުނު ކޮފީގެ ފައިދާތައް ގެއްލިދާނެ!
މޫދަށް ވައްޓާލައިގެން ލިޓަން މަރާލި ނިޒާމް އުމުރަށް ޖަލަށް