މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު 1.8 ޕަސެންޓް އިތުރު އަދަދެކެވެ. މިއީ ދިރާގުގެ ހިތުމަތްތައް އިތުރަށް ފުޅާކުރުމާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓަރޕްރައިސް ސެގްމަންޓްގެ ޕަރފޯމަންސް ވަރުގަދަ ކުރުމުގެ ނަތީޖާ އެވެ. 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ދިރާގުގެ އިބިޓާވަނީ 1.9 ޕަސެންޓްގެ ކުރިއެރުމަކާއެކު 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 949 މިލިއަން ރުފިޔާ ހޯދައި، 2024 އަށް ވުރެ 0.4 ޕަސެންޓްގެ ކުރިއެރުމެއް ވަނީ ހޯދައިފަ އެވެ.
ދިރާގުގެ ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރު ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2025 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70 ރުފިޔާ ދިނުމަށް ހުށަހަޅައި ފާސްކޮށްފަ އެވެ. މީގެ ތެރޭގައި، 2025 ވަނަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66 ރުފިޔާ އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04 ރުފިޔާ ހިމެނެ އެވެ.
ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވީ ޖެން މޯލްޑިވްސް، މާލޭ ބައި ޝަންގްރިއްލާގަ އެވެ. ހައިބްރިޑް މޮޑެލްއެއްގައި ކުރިއަށް ގެންދިޔަ މި ޖަލްސާގައި 265 ހިއްސާދާރުން ވަނީ ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފަ އެވެ. މީގެ ތެރޭގައި 136 ހިއްސާދާރުން އަދި 129 ހިއްސާދާރުންގެ ޕްރޮކްސީ ދީފައިވާ ފަރާތްތައް ހިމެނެ އެވެ. ކުރީ އަހަރުތަކާ ވެސް އެއްފަދައިން، ރަޖިސްޓްރީކޮށްފައިވާ ހުރިހާ ހިއްސާދާރުންގެ ވޯޓު ވެސް ނަގައިފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޓެޑުގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް 'ފަހިވޯޓް' މެދުވެރިކޮށެވެ. 74،240،990 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާއެކު، މި އަހަރުގެ ޖަލްސާގައި ހުށަހެޅި ހަތަރު ރިޒޮލިއުޝަން ވަނީ ހިއްސާދާރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.
ހިއްސާދާރުންގެ އަޣްލަބިއްޔަތުން ފާސްކުރި ރިސޮލިއުޝަންތައް
1. 2025 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުމުގެ ރިސޮލިއުޝަން.
2. 2025 ވަނަ އަހަރުގެ ފައިނަލް އަދި މުޅި އަހަރުގެ ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުމުގެ ރިސޮލިއުޝަން.
3. 2026 ވަނަ މާލީ އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުން އައްޔަނުކުރުމަށް ފާސްކުރުމުގެ ރިސޮލިއުޝަން.
4. 2026 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައަޅައި ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުމުގެ ރިސޮލިއުޝަން.
5. ކުންފުނީގެ 39ވަނަ އަހަރީ އާންމު ޖަލްސާ ނިމެންދެން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް، އާސިއަތް ރިލްވީނާ އިންތިހާބުކުރުން.
މިދިޔަ އަހަރު ދިރާގުން ހާއްސިލުކޮށްފައިވާ ކާމިޔާބީތަކަށް ބަލައިލާއިރު ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝާން ހޯދައިފައިވާ ޑޭޓާ ސެންޓަރު ކަމުގައިވާ ހުޅުމާލެ ޑޭޓާ ސެންޓަރު ހުޅުވައި، ނ. ވެލިދޫގައި ދިރާގުގެ ތިން ވަނަ ޑޭޓާ ސެންޓަރު ހުޅުވުން ހިމެނެ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 ޕަސެންޓް ހައި-ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިރާގުން ހޯދި ކާމިޔާބީ ފާހަގަކޮށް ދިވެހި ސަރުކާރުން ވަނީ ހަދާނީ ފިލައެއް އަރުވާފަ އެވެ. މިއާއެކު، ދުނިޔޭގެ ނިސްބަތުން މި ލަގަބު ހޯދާފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ.
މިދިޔަ އަހަރު ދިރާގުގެ 93 ޕަސެންޓް މުވައްޒަގުންގެ ބައިވެރިވުމާއެކު، 'ގްރޭޓް ޕްލޭސް ޓު ވޯކް ސެޓިފިކޭޝަން ހާސިލުކުރެވިފައިވެ އެވެ.
ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އަންލިމިޓެޑް ފައިބަރ ބްރޯޑްބޭންޑާއި 5ޖީ ނެޓްވޯކް ފުޅާކުރުމާއެކު، ކްލައުޑް ކޮމްޕިއުޓިން، ސައިބާ ސެކިއުރިޓީ އަދި މޮބައިލް ފައިނޭންޝަލް ސާވިސަސް ފަދަ ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތައް ތައާރަފުކޮށް ހަރުދަނާކުރެވިފައިވެ އެވެ.
ބައިނަލްއަގުވާމީ ކަނެކްޓިވިޓީ ވަރުގަދަކުރުމުގެ ގޮތުން، ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މަޝްރޫއުގައި ބައިވެރިވުމާއި، ގޫގަލްއާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ގާއިމުކުރުމުގެ މަޝްރޫއަކީ ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ރާއްޖެ މިއައީ ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަން: ނަޝީދު
އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލަދޭނެ ކަމުގެ އިންޒާރުދީފި
މޭޔަރު އާޒިމަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި
