"މިރަކަލް" ގަހުގެ ގެ ގޮތުގައި މަޝްހޫރުވެފައިވާ މުރަނގަ ގަހަކީ، ދުނިޔޭގައިވާ އެންމެ ގިނަ ފައިދާހުރި މާއްދާތައް އެކުލެވޭ އަދި ބަލިތަކަށް ޝިފާލިބޭ އެއް ގަހެވެ.

އާ ދިރާސާއަކުން ދައްކާގޮތުގައި، މި ގަހުގެ އަނެއް ބޮޑު ފައިދާއަކީ ފެނުގައި ހުންނަ މައިކްރޯޕްލާސްޓިކް ނައްތާލުމުގައި މި ގަހަކީ ވަރަށް ކާމިޔާބު ވަސީލަތަކަށް ވުމެވެ.

ބްރެޒިލް އަދި އިނގިރޭސިވިލާތުގެ ސައިންސްވެރިންގެ ޓީމަކުން މިއަހަރުގެ އޭޕްރިލް މަހު ޝާއިއުކުރި ހޯދުންތަކުން ދައްކާގޮތުގައި، ބާރުމިނުގައި ހެދޭ މި ގަހުގެ އޮށުން ނަގާ ދިޔައަކީ، ބޯފެން ސާފުކުރުމަށް އާންމުކޮށް ބޭނުންކުރާ ކެމިކަލްތަކާ އެއްވަރަށް މައިކްރޯޕްލާސްޓިކް ނައްތާލުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ.

މުރަނގަ ގަހަކީ ފެން ސާފުކުރުމަށްޓަކައި އެތައް ހާސް އަހަރެއް ކުރިން ފެށިގެން ބޭނުންކުރަމުން އަންނަ އެއްޗެކެވެ. މިކަމުގެ ހެކިތައް ގަދީމީ ގްރީކުންނާއި، ރޯމަނުން އަދި މިސްރު މީހުންގެ ކިބައިން ފެންނަން އެބަހުރި ކަމަށް، މި ދިރާސާގައި އިސްކޮށް އުޅުއްވި ސައޯ ޕައުލޯ ސްޓޭޓް ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ އެޑްރިއާނޯ ގޮންސާލްވެސް ވިދާޅުވި އެވެ.

މައިކްރޯޕްލާސްޓިކަކީ އިންޗިއެއްގެ 25,000 ބައިކުޅަ އެއްބައިހާ ކުދި (1 މައިކްރޯމީޓަރު)، ޕްލާސްޓިކްގެ ކުދިކުދި އެތިކޮޅުތަކެކެވެ. މިއީ ޕްލާސްޓިކުން ތަޣައްޔަރުވުމުގެ މައްސަލައިގައި ކުރިމަތިވެފައިވާ ވަރަށް ނުރައްކާތެރި ބައެކެވެ.

ކަނޑުގެ ފުން ހިސާބުތަކުން ފެށިގެން އުސް ފަރުބަދަތަކާ ހަމައަށް، ދުނިޔޭގެ ހުރިހާ ތަނަކުން މިހާރު މިތަކެތި ފެނެ އެވެ. އަޅުގަނޑުމެންގެ ކާބޯތަކެއްޗާއި ފެން ވަނީ މީގެ ސަބަބުން ތަޣައްޔަރުވެފަ އެވެ. 2024 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓެސްޓުކުރި އިސްކުރު ފެނުގެ 83 އިންސައްތައިގައި މައިކްރޯޕްލާސްޓިކް ހުރެ އެވެ. އަދި މިތަކެތި ވަނީ އިންސާނާގެ ސިކުނޑިއާއި، ދަރިމައިވުމުގެ ނިޒާމާއި، ހިތުގެ ނިޒާމުގެ ތެރެއަށް ވެސް ވަދެފަ އެވެ.

ސައިންސްވެރިން ދަނީ މީގެ ސަބަބުން އިންސާނާގެ ސިއްހަތަށް ކުރާ އަސަރުތައް ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޖަނަވާރުންގެ މައްޗަށް ކުރި ދިރާސާތަކުން ދައްކާގޮތުގައި، މީގެ ސަބަބުން ދަރިމައިވުމުގެ މައްސަލަތަކާއި ހޯމޯންތަކަށް ބަދަލު އައުން ފަދަ ކަންކަން މެދުވެރިވެ އެވެ.

މި ދިރާސާގައި ސައިންސްވެރިން މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ޕީވީސީ މައިކްރޯޕްލާސްޓިކަށެވެ. މިއީ ބޯފެނުގައި އެންމެ ގިނައިން ހުންނަ އަދި އެންމެ ނުރައްކާތެރި އެއް ބާވަތެވެ. އެބޭފުޅުން ކުރި ތަހުލީލުތަކުން އެނގުނު ގޮތުގައި، މުރަނގަ އޮށުގެ ދިޔަ ބޭނުންކޮށްގެން ފެން ސާފުކުރާ ނިޒާމުތަކުގައި، ފެނުގައި ހުންނަ މައިކްރޯޕްލާސްޓިކްގެ 98.5 އިންސައްތަ ނައްތާލެވެ އެވެ.

މުރަނގަ އޮށުގެ މި ކާމިޔާބީއަކީ އާންމުކޮށް ފެން ސާފުކުރަން ބޭނުންކުރާ ކެމިކަލެއް ކަމަށްވާ އެލްމިނިއަމް ސަލްފޭޓާ އެއްވަރުގެ ނަތީޖާއެކެވެ. މުރަނގަ އޮށަކީ ގުދުރަތީ ގޮތުން އަލުން އުފެއްދޭ، ތިމާވެއްޓާ ރައްޓެހި އެއްޗަކަށް ވުމުގެ އިތުރުން، އެލްމިނިއަމް ބޭނުންކުރުމުން ދިމާވާ ސިއްހީ ނުރައްކާތަކާއި ތިމާވެށީގެ މައްސަލަތައް މީގެ ސަބަބުން ކުޑަވެގެންދާނެ ކަމަށް ޕްރޮފެސަރު ގޮންސާލް ވެސް ވިދާޅުވި އެވެ. އެލްމިނިއަމް އަކީ ގިނަ އަދަދަކަށް ހަށިގަނޑަށް ދިއުމުން ނާރުގެ ބަލިތަކަށް މަގުފަހިވާ އެއްޗެކެވެ.

ޔުނިވާސިޓީ އޮފް ނިއު މެކްސިކޯގެ ޕްރޮފެސަރެއް ކަމަށްވާ މެތިއު ކޭމްޕަން ވިދާޅުވި ގޮތުގައި، އެލްމިނިއަމްގެ ބަދަލުގައި މިފަދަ ގުދުރަތީ ވަސީލަތެއް ބޭނުންކުރުމަކީ އަގުހެޔޮ އަދި ދެމެހެއްޓެނިވި ހައްލަކަށް ވާނެ އެވެ. މީގެ އިތުރުން، އެލްމިނިއަމް ކޮނެގެން ނެގުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުންވެސް މީގެ ސަބަބުން ސަލާމަތްވެވޭނެ އެވެ.

ނަމަވެސް، މިކަމުގައި ބައެއް ގޮންޖެހުންތައް އެބަހުއްޓެވެ. ސައިންސްވެރިންގެ ހޯދުންތަކުން ދައްކާގޮތުގައި، އެންމެ މުރަނގަ އޮށަކުން ސާފުކުރެވެނީ ގާތްގަނޑަކަށް 10 ލިޓަރުގެ ފެނެވެ. މިއީ އުއްމީދީ ނަތީޖާއެއް ނަމަވެސް، ބޮޑެތި ސިޓީތަކަށް ބޭނުންވާ ފެން ސާފުކުރާ ޕްލާންޓުތަކުގައި މި އުސޫލު ބޭނުންކުރާނަމަ ވަރަށް ގިނަ އަދަދެއްގެ މުރަނގަ އޮށް ބޭނުންވާނެ އެވެ. އެހެންކަމުން، މި އުކުޅަކީ ކުދި މުޖުތަމައުތަކަށް ނުވަތަ ކެމިކަލް ހޯދަން ދަތި ސަރަހައްދުތަކަށް އެންމެ އެކަށީގެންވާ ގޮތެއް ކަމަށް ގޮންސާލް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިމަތިވެދާނެ އަނެއް މައްސަލައަކީ، ފެން ސާފުކުރަން ގިނަ އަދަދަކަށް އޮށް ބޭނުންކުރުމުން ފެނުގެ ތެރޭގައި އޯގަނިކް މާއްދާތައް ބާކީވުމެވެ. މި މާއްދާތައް ވެސް ފެނުން ވަކިކުރަން ޖެހޭނެ އެވެ.

ޕްރޮފެސަރު ކޭމްޕަން ފާހަގަކުރެއްވި ގޮތުގައި، މުރަނގަ އޮށުގެ ދިޔަ ފެނުގެ ތެރޭގައި ފަނާވެގެންދާ ގޮތާއި، އޭގެ ތެރޭގައި ތާށިވާ ޕީވީސީތަކަށް ވަނީ ކިހިނެއްކަން، އަދި މި ގޮތަކީ ކިހާވަރެއްގެ ހަރަދެއް ހިނގާނެ ކަމެއްތޯ ބެލުމަށް އިތުރު ދިރާސާތައް ބޭނުންވެ އެވެ.

އަދި މުރަނގަ އޮށް ބޭނުންކޮށްގެން އެހެނިހެން ބާވަތްތަކުގެ މައިކްރޯޕްލާސްޓިކާއި، މިއަށްވުރެ ކުދި "ނެނޯޕްލާސްޓިކް" ނައްތާލެވޭތޯ ބެލުމަކީވެސް މުހިންމު ކަމެކެވެ. ނެނޯޕްލާސްޓިކަކީ އިންސާނާގެ އިސްތަށީގެ ބޯމިނުގެ 1,000 ބައިކުޅަ އެއްބައިހާ ކުދި ތަކެއްޗަށްވާއިރު، މިއީ އިންސާނާގެ ހަށިގަނޑުގެ އެތެރެއަށް ވަނުމުގެ ފުރުސަތު އެންމެ ބޮޑު ތަކެއްޗެވެ.

ގޮންސާލް ވެސް ވިދާޅުވީ، އެހެނިހެން ޕްލާސްޓިކްތައް ނައްތާލުމުގައި ވެސް މުރަނގަ އޮށް ކާމިޔާބުވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، އެ ޓީމުގެ ކުރިމަގުގެ ދިރާސާތައް އަމާޒުކުރާނީ އެކަމަށް ކަމަށެވެ.

ކޭމްޕަން ވިދާޅުވި ގޮތުގައި، މައިކްރޯޕްލާސްޓިކްގެ މައްސަލައަށް މިހާރުން މިހާރަށް ހައްލެއް ހޯދުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ސަބަބަކީ އިންސާނުންނަށް މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކްގެ ނުރައްކާ ކުރިމަތިވާ މިންވަރު ދަނީ އިތުރުވަމުން ކަމަށްވާތީ އެވެ. އަދި ކުރިއަށް އޮތް އެތައް އަހަރެއްގެ ތެރޭގައިވެސް މި ހާލަތަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.