ތެހްރާން (05 މެއި) - ކޮވިޑްގެ އާ ވޭރިއަންޓެއް ކަމަށްވާ އިންޑިއާ ވޭރިއަންޓްގެ ތިން ކޭސް އީރާނުން ފެނިފައިވާ ކަމަށް އެ ގައުމުގެ ސިއްހީ ވަޒީރު ސައީދު ނަމަކީ ވިދާޅުވެއްޖެ އެވެ.

މިކޭސް ތަކަކީ އީރާނުގައި މިވަގުތު ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން ފެނުނު ފުރަތަމަ ކޭސްތައް ކަމަށާއި ކޭސްތައް ފެނިފައި ވަނީ ގޫމް ޕްރޮވިންސް އިން ކަމަށް ސިއްހީ ވުޒާރާގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔޫއެޗްއޯ) އިން ވިދާޅުވެފައި ވަނީ އިންޑިއާގައި ހަލުއިކަމާއެކު ފެތުރެމުންދާ ބަލިމަޑުކަމުގެ ފަހަތުގައި ވަނީ މި އާ ވޭރިއަންޓް ކަމަށާއި މި ވޭރިއަންޓް މިވަގުތު ވެސް ގިނަ ގައުމުތަކަކަށް އެތެރެ ވެފައިވާނެ ކަމަށެވެ.

އީރާނަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމަށް ވީއިރު އެ ގައުމުގައި މިހާރު ކުރިއަށްދަނީ ކޮވިޑްގެ ހަތަރުވަނަ ރާޅެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެހެން ގައުމު ތަކެކޭ އެއްފަދައިން އީރާނުންވެސް ކޮވިޑްގެ ހާލަތުން އަރައިގަތުމަށްޓަކައި މި ވަގުތު ބަރޯސާވެފައި ވަނީ ވެކްސިން ކެމްޕެއިންތަކަށެވެ.

ނަމަވެސް އެ ގައުމުގެ ވެކްސިން ކެމްޕެއިންތައް އެދެވޭ ހަލުވި މިނެއްގައި ކުރިއަށްނުދާ ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ. -- އަލް އަރަބިއްޔާ