ރާއްޖޭގެ އިރުދެކުނުން ކޮޅިގަނޑެއް އުފެދިފައިވާތީ، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީސް އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ނެރުނު މޫސުމީ ރިޕޯޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ މި ކޮޅިގަނޑުގެ ސަބަބުން ދެކުނުގެ ސަރަހައްދުތަކުގައި ވައި ގަދަވަމުންދާ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ އިރުއުތުރު ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝަރު ޓްރަޕެއްގެ ސަބަބުން އެ ސަރަހައްދުގައި ބޯ ވިއްސާރަވިލާ ގިނަ އަދަދަކަށް އުފެދެމުންދާ ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

މި މޫސުމީ ބަދަލުތަކާއެކު، ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އެހެންކަމުން މެއި 9 އިން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ނަސޭހަތްތެރިވެފައިވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރުވެސް ވިއްސާރަ ކުރަމުންދާއިރު، އެންމެ ދެކުނުން ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު (ވައިޓް އެލާޓް) ވެސް ނެރެފަ އެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ރޭ މެންދަމު 1:00 އިން މިއަދު ހެނދުނު 7:30 އަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.