ދަރިމައިވުމުގެ ދަތުރަކީ ގިނަ ފަހަރަށް އުނދަގޫ ދަތުރެކެވެ. މި ދަތުރުގައި ގިނަ ބައެއްގެ ހިތުގައި އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ ކާބޯތަކެތީގެ ސަބަބުން ދަރިމައިވުމުގެ ފުރުސަތަށް އަސަރުކުރޭތޯ ކުރެވޭ ސުވާލެވެ.

ސައިންސްވެރިންގެ ދިރާސާއަކާ ހަވާލާދީ ބީބީސީގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ކެއިންބުއިމަކީ ދަރިމައިވުމުގެ ސިއްހަތަށް ސީދާ އަސަރުކުރާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް މިއީ ވަކި ކަހަލަ ސުޕަފުޑްއެއް ކައިގެން ހައްލުވާނެ ކަމެއް ކަމަށް އެ ދިރާސާގައި ފާހަގަ ކޮށްފައެއް ނުވެ އެވެ.

ކާނާގެ ސަބަބުން ދަރިމައިވުމަށް އަސަރުކުރަނީ ކިހިނެއް؟

ކާނާއާއި ދަރިމައިވުމާ ހުރި ގުޅުން ބިނާވެގެންވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށެވެ.

  • ހޯމޯންތައް ހަމަހިފެހެއްޓުން: ކާނާގެ ސަބަބުން ހަށިގަނޑުގެ އިންސިއުލިން ލެވެލްއަށާއި އެހެނިހެން ހޯމޯންތަކަށް ބަދަލު އާދެ އެވެ. މިއީ އަންހެނުންގެ ބިސް ދޫކުރުމުގެ ނިޒާމު (އޯވިއުލޭޝަން)އަށް ސީދާ އަސަރުކުރާ ކަމެކެވެ.
  • އިންފްލެމޭޝަން ނުވަތަ ދުޅަވުން: ޕްރޮސެސްޑް ފުޑް ނުވަތަ މާގިނައިން ހަކުރު އެކުލެވޭ ކާނާގެ ސަބަބުން ހަށިގަނޑު ތެރޭގައި އުފެދޭ ދުޅަވުމަކީ ދަރިމައިވުމުގެ ނިޒާމަށް ހުރަސްއަޅާ ކަމެކެވެ.
  • ދަރިފަންޏާއި ބިހުގެ ފެންވަރު: ފިރިހެނުންގެ ދަރިފަނީގެ ދުވެއްޔާއި އޭގެ ފެންވަރު، އަދި އަންހެނުންގެ ބިހުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ވަކި ކަހަލަ ވިޓަމިންތަކާއި މިނަރަލްތައް (މިސާލަކަށް ފޮލިކް އެސިޑް، ޒިންކް، އަދި ސެލީނިއަމް) ބޭނުންވެ އެވެ.

ކާނާގެ އާދަކާދައަށް ގެންނަންޖެހޭ ބަދަލުތައް

ދިރާސާތަކުން ދައްކާ ގޮތުގައި ދަރިމައިވުމުގެ ފުރުސަތު ބޮޑުވަނީ ވަކި ކާނާއަކަށްވުރެ ބޮޑަށް، ޖުމްލަ ގޮތެއްގައި ކެއުމުގެ ވައްޓަފާޅި ހުންނަ ގޮތުންނެވެ.

  • ޕްލާންޓް ޕްރޮޓީން: ޖަނަވާރުގެ މަހުން ލިބޭ ޕްރޮޓީންގެ ބަދަލުގައި، ބީންސް، މުގު، އަދި އޮށްތަކުން ލިބޭ ޕްރޮޓީން ބޭނުންކުރުމަކީ ދަރިމައިވުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ބައެއް ދިރާސާތަކުން ދައްކަ އެވެ.
  • މެޑިޓަރޭނިއަން ޑައިޓް: ތަރުކާރީ، މޭވާ، މަސް، އަދި ޒައިތޫނި ތެޔޮ ގިނައިން ހިމެނޭ ކެއުންތަކަކީ ދަރިމައިވުމުގެ ފުރުސަތު %40 އަށްވުރެ އިތުރުކޮށްދޭ ކަމެއް ކަމަށް ފާހަގަކުރެވިފައިވެ އެވެ.
  • ހަކުރު މަދުކުރުން: ފޮނި ބުއިންތަކާއި ހަކުރު ގިނަ ކާނާގެ ސަބަބުން ދަރިމައިވުމުގެ ފުރުސަތު ކުޑަވާކަން ވަނީ ހޯދިފަ އެވެ.

ކެއިންބުއިމަކީ ދަރިމައިވުމުގެ މައްސަލަތަކަށް އޮތް 'ޖާދޫގެ ފަރުވާ'އެއް ނޫނެވެ. ނަމަވެސް، ދުޅަހެޔޮ ކެއުމަކީ ހަށިގަނޑު އެކަމަށް ތައްޔާރުކޮށްދީ، ފުރުސަތުތައް ބޮޑުކޮށްދޭ ވަރަށް މުހިއްމު ބަހާ އެކެވެ.

އެހެންކަމުން، ދަރިއަކު ހޯދަން މަސައްކަތްކުރާ އާއިލާތަކަށް އޮތް އެންމެ ބޮޑު އިރުޝާދަކީ، ތިމާގެ ކެއުމަށް ބަދަލު ގެނައުމަކީ އަމިއްލަ ބާރުގެ ދަށުގައި އޮތް، ނަތީޖާ ފެންނާނެ ކަމެއްކަން ގަބޫލު ކުރުމެވެ.