އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމަކީ ފަހުގެ ތާރީހެއްގައި ދިވެހި ނޫސްވެރިކަމަށް ދިން އެންމެ ބޮޑު ހަމަލާ އެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ސަރުކާރާ ދެކޮޅަށް ލިޔެގެން ބައެއް ނޫސްވެރިން ޖަލަށްލި އެވެ. ނަމަވެސް މިހާރު އަމަލުކުރާ ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން މިހާ ހުތުރު ގޮތަކަށް ސަރުކާރުން ކޯޓު ބޭނުންކޮށްގެން ނޫސްވެރިންނާ ދިމާކޮށްލާފައެއް ނުވެ އެވެ.
މިއަދަކީ ދިވެހި ނޫސްވެރިކަމަށް ކަޅު ދުވަހެކެވެ. އަދަދު ނޫހުގެ ދެ ނޫސްވެރިންގެ ކުށަކަށްވީ ރައީސުލްޖުމްހޫރިއްޔާއާ ސުވާލެއް ކުރުމާއި ހަބަރެއް ލިޔުމެވެ.
ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފައި ވަނީ އަދަދު ނޫހުގެ ނޫސްވެރިޔާ އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ނައިބު ރައީސް މުހައްމަދު ޝަހުޒާން 15 ދުވަހަށް އަދި ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށް ލުމަށެވެ. ކޯޓުން ބުނެފައިވަނީ މި ދެ ނޫސްވެރިންގެ މައްޗަށް މި ހުކުމް އިއްވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ކަމަށެވެ.
މި މައްސަލައިގެ ފެށުމަކީ، އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މުސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލާފައިވާ "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް އެއްވެސް ރައްޔިތަކު ނުދެއްކުމަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެވެ.
އެ އަމުރު ނެރެފައި ވަނިކޮށް، އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ވަނީ ރައީސް މުހައްމަދު މުއިއްޒާ ރައީސް އޮފީހުގައި މަސައްކަތް ކުރި މުވައްޒަފަކާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. އެ ސުވާލާއެކު ރައީސް މުއިއްޒު ވަނީ ނޫސްވެރިޔާ ކޯޓު އަމުރާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި، ބައްދަލުވުމުން އޭނާ ބޭރުކޮށްފަ އެވެ.
ނޫސްވެރިން ޖަލަށްލީ މައްސަލައިގައި ގާނޫނީ ދާއިރާގެ ބޭފުޅުން ދަނީ ކޯޓުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ، ކޯޓުން ބޭރުގައި ހިންގާ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލުތަކަށް ދައުވާ ކުރަން ޖެހޭނީ ދައުލަތުން ކަމަށާއި، ކޯޓުން އަމިއްލައަށް އިސްނަގައިގެން މިފަދަ އަދަބެއް ދިނުމަކީ ރައްޔިތުންނަށް އަދަބު ދޭން ކެތް މަދުވެފައިވާކަން ހާމަވާ ކަމެއް ކަމަށެވެ. އަދި މުޅި ދައުލަތުގެ މުއައްސަސާތައް މިއަދު ފެންނަނީ ރައީސުލްޖުމްހޫރިއްޔާގެ މަސްލަހަތުގައި ތެޅިފޮޅޭ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ، ރައީސްގެ ކޮންޓްރޯލް އޮތް ކޯޓަކުން ކޮންމެ ފަދަ އަމުރެއްވެސް ނެރެފާނެ ކަމަށާއި، ޖޭއެސްސީ މިނިވަން ނުކޮށް ފަނޑިޔާރުގެ މިނިވަން ނުކުރެވޭނެ ކަމަށެވެ.
ނޫސްވެރިންނަށް އިއްވި މި ހުކުމާ ގުޅިގެން ރާއްޖޭގެ ގިނަ ބަޔަކާއި ބޭރުގެ މީޑިއާތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ރައީސް މުއިއްޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުން ދިފާއުވުމަށްޓަކައި ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ހިންގާ ދަށުދަރަޖައިގެ އަމަލެކެވެ.
ސަރުކާރުން އަންގައިގެން ކޯޓުތަކުން ކުރާ ހުކުމަކުން ނޫސްވެރިންގެ އަޑު ކަނޑުވައެއް ނުލެވޭނެ އެވެ. އެގޮތަށް ރައީސް މުއިއްޒާއި އަދި ކޯޓުތަކުގެ ފަނޑިޔާރުން ހީކުރުމަކީ ކުށް ހީ އެވެ. ތިޔަ ކޯޓުން ކުރާ އަމުރެއް ނުވަތަ ހުކުމެެއް ވެސް ދިވެހި ހިތްވަރުގަދަ ނޫސްވެރިން ބަލައެއް ވެސް ނުގަންނާނެ އެވެ.
އީރާނަށް ހަމަލާދޭން ފެށުމާ ގުޅޭގޮތުން ޓްރަމްޕް މަޝްވަރާކުރަނީ
ހައްޔަރުކުރި ނޫސްވެރިން މިނިވަންކުރަން ޔާމީން ގޮވާލައްވައިފި