ރައީސް މުހައްމަދު މުއިއްޒަށް ތާއީދު ކުރެވެންނެތީ އެމަނިކުފާނަކީ "ޣައްދާރެއް" ކަމަށްވާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ހުސްގޮނޑިއެއް ދައްކައިގެން ރައްޔިތުންނަށް އޮޅުވާލައި، ދޮގު ހަދައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.

ރައީސް މުއިއްޒަކީ އެމަނިކުފާނުގެ ސިޔާސަތުތަކުގެ މޮޅުކަމުން ނުވަތަ ރައްޔިތުންގެ މެދުގައި އޮތް މަގުބޫލުކަމުން ވެރިކަން ލިބިވަޑައިގަތް ބޭފުޅެއް ނޫން ކަމަށާއި، އެއީ ހާލަތު ނިޔާކުރި ގޮތުން އިއްތިފާގަކުން ލިބުނު ފުރުސަތެއް ކަމަށް ވެސް ޔާމީން ފާހަގަކުރެއްވި އެވެ.

ޔާމީންގެ ވެރިކަމަކީ އަނިޔާވެރި އަދި ކޮރަޕްޓް ވެރިކަމެއް ކަމަށް ރައީސް މުއިއްޒު ދާދިފަހުން ވިދާޅުވެފައިވާތީ އެމަނިކުފާނު އެކަމަށް ރައްދު ދެއްވި އެވެ. ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ގިނަ މަޝްރޫއުތައް ހިންގީ އޭރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުއިއްޒުގެ ބެލުމުގެ ދަށުން ކަމަށެވެ. އެހެންކަމުން، އެ ވެރިކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިނގި ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، އަމިއްލަފުޅު މަސައްކަތްތަކަށް އަމިއްލައަށް ފާޑުވިދާޅުވުން ކަމަށް ޔާމީން ސިފަކުރެއްވި އެވެ. މީގެ އިތުރުން، މިހާރު ރައީސް މުއިއްޒަށް ތާއީދުކުރައްވާ އިސް ސިޔާސީ ލީޑަރަކު، ރައީސް މުއިއްޒުގެ ގެކޮޅު "ދިމްޔާތު" އިމާރާތްކުރުމުގައި ކޮރަޕްޝަންގެ ފައިސާ ބޭނުންކުރެއްވި ކަމަށް ތުހުމަތުކުރައްވާފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެއިން ވެސް އެ ސަރުކާރުގައި ކޮރަޕްޝަން ހިންގި ގޮތް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ގޮތުން، ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމާ ގުޅޭގޮތުން ވެސް ޔާމީން ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ފަލްސަފާއަކީ ރަނގަޅު ފަލްސަފާއެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް، ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް ހޯދުމަށް މިއަދު ފާޅުގައި ނުކުމެ މަސައްކަތްކުރާ ބަޔަކީ އެމްޑީޕީ ކަމަށްވާތީ، އެ ޕާޓީއަށް ނިސްބަތްވާ ކުރީގެ ރައީސުންނާއެކު މަސައްކަތް ކުރައްވަން ނިންމެވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.