ދޯހާ (07 މެއި) - ކޮރަޕްޝަނާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ގަތަރުގެ މާލީ ވަޒީރު އަލީ ޝަރީފް އަލް އިމާދީ މަސައްކަތުން އެކަހެރިކޮށްފި އެވެ.

ގަތަރުގެ ދައުލަތުގެ ޕްރޮސިކިއުޓާ އާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮރަޕްޝަނާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ސަރުކާރާ މެދު އޮންނަ އިތުބާރު ގެއްލޭ ފަދަ ކުށްތަކެއްގައި އިމާދީއާ ސުވާލު ކުރަމުން އަންނަ ކަމަށެވެ.

އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްސާނީގެ އޮފީހުން ބުނިގޮތުގައި އިމާދީގެ ރަސްމީ ހުރިހާ ޒިންމާއަކުން އެކަހެރި ކުރެވިފައިވާއިރު މާލީ ވުޒާރާގެ ޒިންމާތަކާ ދެން ހަވާލު ވާނީ ޓްރޭޑް އެންޑް އިންޑަސްޓަރީ ވަޒީރު އަލީ ބިން އަހްމަދު އަލް ކުވާރީ އެވެ.

އިމާދީ އަކީ 2013 އަހަރުން ފެށިގެން ގަތަރުގެ މާލީ ވަޒާރުކަން ފުރުއްވަމުން ގެންދަވާ ފަރާތެކެވެ. އަދި ހަމަ އެހެންމެ އޭނާއަކީ މެދުއިރުމަތީގެ އެންމެ ބޮޑު ބޭންކު ކަމަށްވާ ގަތަރު ނޭޝަނަލް ބޭންކްގެ ބޯޑު އޮފް ޑިރެކްޓާސްގެ ޗައާމަން ވެސްމެ އެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު މުހައްމަދު ބިން އަބްދުލްރަހްމާން އަލްސާނީ ވިދާޅުވީ އިމާދީއަށް ކުރެވިފައިވާ ތުހުމަތުތަކަކީ މާލީ ވަޒީރުކަމުގެ ޒިންމާތަކަށް ޚިޔާނާތްތެރިވިމުގެ ތުހުމަތެއް އެކަނި ކަމަށާއި އޭނާ ފުރުއްވަމުން ގެންދަވާ އެހެނިހެން މަގާމްތަކާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.

މެދު އިރުމަތީގެ އެންމެ ވަރުގަދަ އެއް އިގްތިސާދު ކަމުގައި މާހިރުން ބުނާ ގަތަރުގެ އިގްތިސާދު ވަނީ ކޮވިޑް-19ގެ ސަބަބުން 3.7 އިންސައްތަ ދަށަށް ގޮސްފަ އެވެ.

މިވަގުތު މަސައްކަތުން އެކަހެރި ކޮށްފައިވާ އިމާދީއަށް ވަނީ ބައިނަލްއަގްވާމީ މާލީ މަޖައްލާ އެއް ކަމަށްވާ "ދަ ބޭންކާ" އިން ހޮވި 2020 ވަނަ އަހަރުގެ މެދުއިރުމަތީގެ އެންމެ ހިންގުންތެރި ވަޒީރުގެ ލަގަބު ލިބިފަ އެވެ.

އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ ގަތަރުން ވަނީ އެ މުބާރާތަށް ހާއްސަކޮށްގެން ދުރާލާ ގިނަ ހަރަދުތަކެއް ކޮށްފަ އެވެ. --އަލް އަރަބިއާ