ދިއްލީ (07 މެއި) - އިންޑިއާގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތަކެއް މިހާރުން ފެށިގެން އަޅަން ފަށައިފި ނަމަ ބަލީގެ ތިންވަނަ ރާޅަކުން އެ ގައުމު ސަލާމަތް ކުރެވިދާނެ ކަމަށް އިންޑިއާގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.
ބޮޑު ވަޒީރުގެ ސައިންޓިފިކް އެޑްވައިޑަރު ކޭ ވިޖޭ ރާގަވަން ވިދާޅުވީ ތިންވަނަ ރާޅަކުން ސަލާމަތް ވެވެން އޮތީ މިހާރު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އެންމެ ފުރިހަމަ ތަންފީޒު ކުރެވިގެން ކަމަށެވެ.
ރާގަވަން މިހެން ވިދާޅުވެފައި މިވަނީ ކޮވިޑްގެ ތިންވަނަ ރާޅެއް ވެސް އިންޑިއާއަށް ކުރިމަތިވުން ގާތް ކަމަށް އޭނާ ވިދާޅުވިތާ 24 ގަޑިއިރު ފަހުންނެވެ.
ހުކުރު ދުވަހުގެ ހެނދުނު އަށެއް ޖެހުމާ ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާގައި ހަތަރު ލައްކައަށްވުރެ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 3،915 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ. މިއާއެކު އެ ގައުމުން ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 21 މިލިއަނަށް ވުރެ މައްޗަށް ގޮސްފަ އެވެ.
ވެރިރަށް ދިއްލީގެ ހާލަތު ގޯސްވަމުންދާއިރު މިވަގުތުގެ ހާލަތާއި އެ ހާލަތުން އަރައިގަތުމަށް ކުރެވެން ހުރި ކަންކަން މަޝްވަރާކުރަން ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖަރްވާލް ސަރުކާރުގެ އިސް އެހެން އޮފިޝަލުންތަކަކާއެކު ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބަލި މީހުން ގިނަވެ ހޮސްޕިޓަލުތަކުން ބަލި މީހުންނަށް ދޫކުރާ އޮކްސިޖަން މަދުކޮށްފައިވާއިރު ކަރްނާޓަކާގެ ކޯޓަކުން ވަނީ އޮކްސިޖަން ދޫކުރާ މިންވަރު އިތުރުކުރަން ހޮސްޕިޓަލްތަކަށް އަމުރު ހިންގުމަށް މައި ސަރުކާރަށް ހުކުމް ކޮށްފަ އެވެ. --ސީއެންއެން