އިންޑޮނޭޝިއާގެ ފައިސާ ކަމަށްވާ ރުޕިއާގެ އަގު، އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ތާރީހުގައި ވެސް ނުވެއްޓޭހާ ދަށަށް ވެއްޓިއްޖެ އެވެ.
ބުރާސްފަތި ދުވަހު ބާޒާރު ބަންދުވިއިރު ޑޮލަރެއްގެ އަގު ވަނީ 18,028 ރުޕިއާއަށް އަރާފަ އެވެ.
މިއީ ހަމައެކަނި އިންޑޮނޭޝިއާއަށް އެކަނި ކުރިމަތިވެގެން އުޅޭ މައްސަލައެއް ނޫނެވެ. މެދުއިރުމަތީގައި އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލި، އޭގެ ނޭދެވޭ އަސަރު މުޅި ދެކުނު އިރުމަތީ އޭޝިއާގެ އިގުތިސާދަށް ދަނީ ކުރަމުންނެވެ. ބޭރުން ތެޔޮ އެތެރެކުރާ ގައުމުތައް ކަމަށްވާ އިންޑޮނޭޝިއާއާއި ފިލިޕީންސް ފަދަ ގައުމުތަކަށް މިކަމުގެ ބުރަ ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
ބޭރުން ތެޔޮ ގަތުމަށް ގައުމުން ބޭރަށް ފައިސާ ދައުރުވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއާއެކު އިންޑޮނޭޝިއާގެ ވިޔަފާރީގެ އަރަނި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން މާޗު މަހު 3.3 ބިލިއަން ޑޮލަރުގައި ހުރި ވިޔަފާރީގެ އަރަނި، އޭޕްރީލް މަހު ވަނީ 89 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.
ހަމައެއާއެކުމަޖުބޫރުން މަސައްކަތް ކުރުވުމުގެ މައްސަލަތަކާ ގުޅިގެން ކަމަށް ބުނެ އިންޑޮނޭޝިއާ، މެލޭޝިއާ އަދި ސިންގަޕޫރު ހިމެނޭ ގޮތަށް 60 ގައުމަކުން އެތެރެކުރާ މުދަލުން 10 ޕަސެންޓާއި 12.5 ޕަސެންޓާ ދެމެދުގެ އިމްޕޯޓް ޑިއުޓީއެއް ނެގުމަށް އެމެރިކާއިން ހުށަހެޅުމުން ބައިނަލްއަގުވާމީ މާކެޓުގައި ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ. އެއީ މުދަލުގެ ވިޔަފާރިން ލިބޭ ޑޮލަރުގެ މިންވަރު މަދުވަމުންދާއިރު ހަކަތަ އެތެރެކުރުމަށާއި، ބޭރުގެ ދަރަނި ދެއްކުމަށް ޑޮލަރު ބޭނުންވާ މިންވަރު ހުރީ ވަރަށް މަތީގަ އެވެ.
މި ހުރިހާ ނުތަނަވަސްކަމެއްގެ ތެރެއިން ވެސް އާންމު ރައްޔިތުންނަށް ލުއިކޮށްދިނުމުގެ ގޮތުން ސަރުކާރުން ސަބްސިޑީ ދީފައިވާ ތެލުގެ އަގުތަކަށް ބަދަލެއް ނުގެންނާނެ ކަމަށް އިންޑޮނޭޝިއާ ސަރުކާރުން ވަނީ ބުނެފަ އެވެ.
ލަންދޫގައި ހުމެއް ފެތުރި، އިންފްލުއެންޒާއަށް ޓެސްޓު ކުރަނީ
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި