ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ވެރިކަންކުރާ ޕީއެންސީ ބަލިވުމާ ގުޅިގެން، ރައީސް މުހައްމަދު މުއިއްޒު ހަމަ ރަނގަޅަށް ވެސް ބަލިވެވަޑައިގެންފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވުނު މި އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) އެވެ. ސޯބެއަށް 1,375 ވޯޓު ލިބިވަޑައިގެންނެވިއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ. ސޯބެ މި ގޮނޑި ކާމިޔާބުކުރެއްވީ 62 ވޯޓުގެ ކުޑަ ތަފާތަކުންނެވެ.

މި ނަތީޖާއާ ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީއެންސީގެ އެކްޓިވިސްޓުން، މިއީ ސަރުކާރަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި މީސްމީޑިއާގައި ސިފަކުރަމުންދާތީ ރައީސް ނަޝީދު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ޕީއެންސީން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރި ގޮނޑިއެއް ގެއްލުމުން ވެސް "އަނގައިން ބަލިނުވާން" އުޅޭ ކަމަށެވެ.

"ބައެއް ފަހަރު ތަޅާ ފޮޅާއިރު ވާގޮތެއް އޮވޭ، ގަދަ މީހާ ޖަހާއިރަށް އަނގައިން ބަލިނުވާ މީހާ ބުނާނެ، 'ދެން ޖަހައިބަލަ' އެންމެ ފަހުން ހެސް ކިޔާފައި ކަންކަށީގައި ޖަހާ ވެއްޓުނީމާ ބުނާނެ، އައްދެ ކިރިޔާ ޖެހުނުކަމޭ،" ޕީއެންސީގެ ވެރިން ދައްކަވާ ވާހަކަތަކަށް އިޝާރާތްކުރައްވައި ނަޝީދު ލިޔުއްވާފައިވެއެވެ.

ގދ. ގައްދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާއި، ފެންނަ ނުފެންނަ ވޯޓުގެ އިތުރުން މި ބައި-އިލެކްޝަނުން ވެސް ސަރުކާރު ބަލިވެފައިވާ ކަމަށެވެ. ޖައްސަޖައްސައިގެން ތިން އިންތިހާބުން ބަލިވުމުން ރައީސް މުއިއްޒު މަގާމުގައި ހުންނެވުމުގެ އެއްވެސް ހައްޤެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ރައީސަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، ސަރުކާރުގެ ބައެއް ވަޒީރުންވެސް ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިތަކުން ޕީއެންސީއަށް ކުރިލިބުމަކީ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ހާމަވާ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފަ އެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވެސް ވަނީ އެމްޑީޕީގެ އިސްވެރިންނާއި ކުރީގެ ތިން ރައީސުން (ނަޝީދު، ސޯލިހް، ޔާމީން) އެއްވެގެން މަސައްކަތް ކުރިއިރުވެސް، ޕީއެންސީން ހޯދީ އުއްމީދީ ނަތީޖާއެއް ކަމަށް ވިދާޅުވެފަ އެވެ.

މި އިންތިޚާބުގެ ކާމިޔާބީއާއެކު މަޖިލީހުގައި އެމްޑީޕީ ތަމުސީލުކުރާ މެންބަރުންގެ އަދަދު 13 އަށް އަރާނެއެވެ. މި ގޮނޑި ހުސްވީ ކުރިން އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާން، ލޯނެއް ނުދެއްކުމުގެ ސަބަބުން ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.