އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިޚާބުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، އެ ޕާޓީގައި ދެމިހުންނަވާނެކަމަށާއި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް އިތުރަށް ހަލުވިކުރަންޖެހޭކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ފޯރިގަދަ ކެމްޕޭނަކަށްފަހު މިއަދު މެންދުރުފަހު 14:30 ގައި ފެށި މި އިންތިޚާބުގެ ވޯޓުލުން މިރޭ 20:30 އާ ހަމައަށް ކުރިއަށްދާނެ އެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. ރައީސް ސޯލިހު ވަނީ މި އިންތިހާބުގައި މެންބަރު މީކާއީލަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ.
ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޕާޓީގެ ލީޑާޝިޕަށް ކޮންމެ ބޭފުޅަކު ވަޑައިގަތް ނަމަވެސް އެމަނިކުފާނު ހުންނަވާނީ އެމްޑީޕީގައި ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ސަރުކާރަށް ދެ އަހަރާއި ބައި ވެފައިވާއިރު، ރާއްޖޭގެ ޑިމޮކްރަސީ ވަރަށް ބާރު ސްޕީޑެއްގައި ފަހަތަށް ސޮއްސާލަމުންދާކަމަށާއި، ޚުދުމުޚުތާރު ވެރިކަމަކާ ދިމާއަށް ސަރުކާރު މިސްރާބު ޖަހާފައިވާކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ. އެހެންކަމުން ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި އެމްޑީޕީގެ މަސައްކަތްތައް އެއް ގިއަރު މައްޗަށް ޖައްސަންޖެހިފައިވާކަމަށް ވިދާޅުވި އެވެ.
މީކާއީލް އިންތިޚާބު ކާމިޔާބުކުރައްވައިފިނަމަ ޕާޓީގެ ހިންގުން ޒުވާން ޓީމަކާ ހަވާލުވެގެންދާނެކަމަށާއި، ނަޝީދު ކާމިޔާބުކުރައްވައިފިނަމަ ތަޖުރިބާކާރު ބޭފުޅަކަށް ލީޑާޝިޕް ލިބިގެންދާނެކަމަށް ސޯލިހު ވިދާޅުވި އެވެ.
މީގެއިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއަށްފަހު ރައީސް ނަޝީދު ޕާޓީ ދޫކުރައްވައި ވަޑައިގަތް ވަޑައިގަތުމަކީ ހެދުނު ގޯހެއްކަމަށާއި، އެފަދަ ގޯހެއް ދެން ތަކުރާރުވެދާނެކަމަށް ގަބޫލުފުޅުނުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރު ބަދަލުކުރަންޖެހޭކަމަށް ރައީސް ސޯލިހާއި ރައީސް ނަޝީދުވެސް އެއްބަސްވެވަޑައިގަންނަވާއިރު، މިއަދުގެ އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ކުރިއަށް އޮތް ތަނުގައި އޮންނާނީ ކޮން ފެކްޝަނެއްގެ އަތްމަތީގައިކަން ކަނޑައަޅައިދޭނެ މުހިންމު އިންތިހާބެކެވެ.
އެންމެ ފަހު ވަގުތު ހައިޓީއަށް ޖެހުނީ ޖޯޒީގެ ޑިޒައިން ބަދަލުކުރަން
ދަރިން ފޫހި ވުމަކީ މައްސަލައެއް ނޫން، ހައްލަން ފޯނު ނުދޭތި!
ކޯމާގައި އޮންނެވުމަށްފަހު ތައިލޭންޑްގެ އަމީރާ އަވަހާރަވެއްޖެ
