ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ، މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި ސިލްސިލާ އިހުތިޖާޖުތަކެއް ފެށުމަށް އެމްޑީޕީ އިން ނިންމައިފި އެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މި ގަރާރު ހުށަހެޅީ އެ ޕާޓީގެ ސެކްރެޓޭރިއެޓުންނެވެ. އެ ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔަ ތަރައްގީގެ ގިނަ މަޝްރޫއުތައް ސަރުކާރުން ހުއްޓާލާފައިވުމާއި، ސިޔާސީ ސަބަބުތަކަށްޓަކައި ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމުގެ އިތުރުން އެކި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ސިޔާސީ ދައުވާތައް އުފުލަމުންދާ ދިއުމެވެ.
ސަރުކާރުން ހުއްޓާލާފައިވާ ތަރައްގީގެ މަޝްރޫއުތައް އަލުން ފަށައި ނިންމުމަށްޓަކައި، އެމްޑީޕީން ރަށު ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމަށްވެސް ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި ސިޔާސީ ކަންކަމާ ގުޅުވައިގެން ވަޒީފާތަކުން ވަކިކުރާ ފަރާތްތަކާއި ސިޔާސީ ދައުވާތައް އުފުލާފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ހާއްސަ ނިޒާމެއް ގާއިމުކޮށް، ގާނޫނީ އެހީތެރިކަމާއި އެނޫންވެސް އެއްބާރުލުން ފޯރުކޮށްދިނުމަށް އެ ޕާޓީން ވަނީ ނިންމާފަ އެވެ.
މި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ޖަލްސާއެވެ. މުޅި ރާއްޖޭގައި އިހުތިޖާޖުކުރުމަށް އެމްޑީޕީން ނިންމާފައިވާއިރު، މިއީ މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އެ ޕާޓީން ފަށާ ބޮޑު ސިޔާސީ ހަރަކާތެކެވެ.
ކަޅުތެޔޮ އެޅިގެން ރަސްފަންނު މޫދު ބަންދުކޮށްފި
އަޅުގަނޑާއެކު ކޮރަޕްޓު މީހުނެއް ނޫޅޭނެ: ޔާމީން
ދުވާލަކު 20 މިނެޓުގެ ކަސްރަތުން އެތައް ފައިދާތަކެއް!
