ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިންގި އޮޕަރޭޝަންތަކެއްގައި ރެކޯޑް އަދަދަކަށް ވޭޕް އަތުލައިގަނެފައިވީ ނަމަވެސް، މި މައްސަލަތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަން ފުލުހުން ހާމަކޮށްފި އެވެ.
ދެހާސް ސައްވީސް ވަނަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، އެތެރެކުރުން ބޮޑެތި ޖޫރިމަނާތަކަކާއެކު ވަނީ މަނާކޮށްފަ އެވެ. ގާނޫނު ބުނާ ގޮތުން ވޭޕް ބޭނުންކޮށްފިނަމަ 5,000 ރުފިޔާ، ހިލޭ ވޭޕެއް ދީފިނަމަ 10,000 ރުފިޔާ، ވޭޕް ވިއްކައިފިނަމަ 20,000 ރުފިޔާ އަދި ވިއްކި ކޮންމެ ވޭޕަކަށް އިތުރު 10,000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ އެވެ.
މިހާ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ގާނޫނުން ލާޒިމު ކުރާއިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އާއްމުކޮށް މިފަދަ ބޯޑަރު މައްސަލަތައް ފުލުހުން ތަހުގީގު ކުރަނީ މީހުން ހައްޔަރު ކޮށްގެން ނޫން ކަމަށެވެ. އަދި މިފަދަ މައްސަލަތައް ބަލައި، ޖޫރިމަނާ ކުރުން ފަދަ އިދާރީ ފިޔަވަޅުތައް އެޅުމުގެ އިހުތިސޯސް އޮންނަނީ ކަސްޓަމްސްއަށް ކަމަށެވެ.
ވޭޕް މަނާކުރި ފަހުން އެތެރެކުރަން އުޅުނު އެންމެ ބޮޑު ޝިޕްމަންޓް ކަސްޓަމްސްއިން އަތުލައިގަތީ މި މަހުގެ 19 ވަނަ ދުވަހެވެ. "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާކޮށް، ސިއްރުން އެތެރެކުރަން އުޅުނު 15,601 ވޭޕް ކާޓްރިޖް އެ ދުވަހު އަތުލައިގަތެވެ. މީގެ އިތުރުން ވެސް، މި މަހުގެ 14 އިން 19 އަށް ހިންގި ތިން އޮޕަރޭޝަނެއްގައި ޖުމްލަ 22,309 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ:
- ޖޫން 14 އަދި 15: މާލޭ ކޮމާޝަލް ހާބަރުން އަތުލައިގަތް 1,108 ކާޓްރިޖާއި 27 ޑިވައިސް (މިތަކެތި ފޮރުވާފައި ހުރީ ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގަ އެވެ).
- ޖޫން 17: އިތުރަށް އަތުލައިގަތް 5,600 ވޭޕް ކާޓްރިޖް.
- ޖޫން 19: "ޖެނެރަލް ކާގޯ" ތެރޭގައި ފޮރުވާފައި ހުރި 15,601 ކާޓްރިޖް.
ކަސްޓަމްސްއިން ބުނި ގޮތުގައި މި ތަކެތި އަތުލައިގަނެފައި ވަނީ ރާއްޖެއަށް ގެނައި ޝިޕްމަންޓްތަކުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރެގެން ހިންގި ހާއްސަ ފާސްކުރުންތަކުގެ ތެރެއިންނެވެ. ގާނޫނާ ހިލާފަށް މި ތަކެތި އެތެރެކުރަން އުޅުނު މައްސަލަ ކަސްޓަމްސްއިން މިހާރު ދަނީ އިތުރަށް ތަޙުގީގު ކުރަމުންނެވެ. ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ހުއްޓުވުމަށްޓަކައި، ބޯޑަރު ސަރަޙައްދުތަކާއި ބަނދަރުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ފާސްކުރުންތައް ވަރުގަދަކޮށް، ކަސްޓަމްސްއިން ދަނީ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
އާއްމުކޮށް ބަނޑު ހަރުވުމަކީ ނުރައްކަލުގެ ރަނގަބީލެއް!
އައިޔޫއެމްގެ ދިރާސާ: ކުދިން ސްކޫލަށް ނުދަނީ ލަހުން ނިދާތީ