އަވަހާރަކޮށްލާފައިވާ އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ މަރުގެ ބަދަލު ހިއްޕަވާނެ ކަމަށް ދަރިކަލުން އަދި މިހާރުގެ ސްޕްރީމް ލީޑަރު މުޖުތަބާ ހާމަނާއީ ވިދާޅުވެއްޖެ އެވެ.

މުޖުތަބާ ހާމަނާއީގެ ރަސްމީ ޓެލެގްރާމް އެކައުންޓް މެދުވެރިކޮށް އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، އީރާނުގެ ކުރީގެ ލީޑަރުގެ މަރުގެ ބަދަލު ހިފުމަކީ މުޅި ގައުމުގެ އެދުމެއް ކަމަށާއި، އެކަން ކަނޑައެޅިގެން ކުރައްވާނެ ކަމަށެވެ.

މުޖުތަބާ މި މެސެޖު ނެރުއްވީ، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައި އަވަހާރަވި އޭނާގެ ބައްޕަ އަލީ ހާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތާ ގުޅިގެންނެވެ.

"ޝަހީދުވި ލީޑަރާއި، މި ދެ ހަނގުރާމައިގައި ޝަހީދުވި އެންމެހާ ފަރާތްތަކުގެ ލޭގެ ބަދަލު، އެ ނުލަފާ އަދި އިހާނެތި ގާތިލުންގެ ކިބައިން ހިފުމަށް އަޅުގަނޑުމެން ވައުދުވަމެވެ،" މުޖުތަބާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަލީ ހާމަނާއީގެ ޖަނާޒާގައި، ދުޝްމަނުންގެ ރޫހު ބަލިކޮށްލަނިވި މިލިއަނުން ގުނާލެވޭ ފަދަ ބޮޑު ލަޝްކަރެއް ދެއްކި ހުރިހާ ރައްޔިތުންނަށް، ހާމަނާއީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.