ބޮލީވުޑްގެ ތާރީހު ދުށް އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ހިމެނޭ "ޑްރީމް ގާލް" ހޭމާ މާލިނީ، ފިލްމުތަކުން ފެނުން މަދުވެ، އެކްޓިންއާ ދުރުވި މައިގަނޑު ސަބަބު ހާމަކޮށްފި އެވެ.

ޑްރީމް ގާލްގެ ނަމުން މަޝްހޫރު ވެފައިވާ ހެމާ ބުނީ މިހާރު ފިލްމުތައް އުފައްދާ ގޮތާއި، މުޅި ފިލްމީ ދާއިރާގެ މަސައްކަތުގެ މާހައުލަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން، އެއަށް ހޭނުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

އޭނާ ފާހަގަކުރި ގޮތުގައި ކުރީގެ ފިލްމު އުފެއްދުމުގެ މާހައުލާއި މިހާރުގެ މާހައުލު ވަރަށް ތަފާތެވެ. މިހާރުގެ ފިލްމީ ދާއިރާގައި ކަންކަން ކުރިއަށްދާ ގޮތާއި، މަސައްކަތުގެ އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭނާ އަހުލުވެރި މާހައުލެއް ނޫނެވެ.

އެއާއެކު ސީނިއާ އެކްޓަރުންނަށް، ހާއްސަކޮށް އަންހެން އެކްޓަރުންނަށް، އެކަށީގެންވާ އަދި ވަރުގަދަ ރޯލުތައް ލިބުން މަދުކަން އޭނާ ފާހަގަކުރި އެވެ. ހަމައެކަނި "ނަމަކަށް" ފިލްމެއްގައި ބައިވެރިވުމުގެ ބަދަލުގައި، އޭނާ ބޭނުންވަނީ ކުޅޭ ހިތްވާ ކަހަލަ މާނަހުރި ރޯލުތަކެވެ.

މީގެ އިތުރުން ފިލްމީ ދާއިރާއާ ދުރުވި އަނެއް ސަބަބަކީ ސިޔާސީ ދާއިރާގައި އޭނާ ކުރަމުންދާ މަސައްކަތް ތަކެވެ. ގާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތް ކުރުމާއި، އާއިލާއަށް ވަގުތު ދިނުމަކީ މިހާރު އޭނާގެ އެންމެ އިސްކަންދޭ ކަންތައް ކަމަށް އޭނާ ބުނެ އެވެ.

ފިލްމުތަކުން ދުރުގައި ހުރި ނަމަވެސް، ހޭމާ ބުނެފައިވަނީ އޭނާގެ ހިތް ގަޔާވާ ކަހަލަ ރަނގަޅު ސްކްރިޕްޓެއް އަދި ވަރުގަދަ ރޯލެއް ލިބިއްޖެނަމަ، އަލުން ފިލްމަކުން ފެނުމުގެ ފުރުސަތު އެއްކޮށް ބަންދުނުވާ ކަމަށެވެ. ނަމަވެސް އެއީ އޭނާގެ އުސޫލުތަކާއި ގޮތްތަކާ ގުޅޭ މަސައްކަތަކަށް ވާންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.