ރާއްޖޭގައި ޑޮލަރުގެ ރޭޓު އިންތިހާއަށް މަތިވެފައި ވާއިރު، މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ލިބެން ނެތް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ބޭއްވި "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި އަމީރު ފާހަގަކުރެއްވި ގޮތުގައި، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 21 ރުފިޔާގަ އެވެ. މިގޮތަށް އަގު އުފުލި ޑޮލަރު ތާށިވުމުގެ ސަބަބުން ގައުމުގެ އިގްތިސާދީ ދުވެލި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
ހާއްސަކޮށް ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) މަޝްރޫއުތަކާއި، ކޮންސްޓްރަކްޝަން ސިނާއަތުގެ ބޮޑެތި މަސައްކަތްތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ގިނަ ވިޔަފާރިތަކެއްގެ ހަރަކާތްތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް މިދިޔަ އަހަރު ގެނައި ބަދަލާއެކު ބޭންކުތަކާއި މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް 650 މިލިއަން ޑޮލަރު ވަދެފައިވީ ނަމަވެސް، އޭގެ ސަބަބުން ޑޮލަރުގެ ރޭޓު ތިރިވެފައެއް ނުވެ އެވެ. ބޭންކުތަކަށް ޑޮލަރު ވަނަސް ރޭޓު ދަށަށް ނުދާނެ ކަމަށް އެމްޑީޕީން ކުރިން ވެސް ބުނަމުންދިޔަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ޑޮލަރުގެ އަގު ވެއްޓެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވަނީ އިގްތިސާދީ އެއްވެސް ހަމަޔަކަށް ބެއްލެވުމެއް ނެތި ކަމަށެވެ. އަދި ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ވެސް ޑޮލަރުގެ އަގު އިތުރަށް މަތިވުމުގެ ފުރުސަތު ބޮޑު ކަމަށް އަމީރު ލަފާކުރެއްވި އެވެ.
މި އިގްތިސާދީ ދަތިކަމުގެ ސީދާ އަސަރު އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ކުރަމުންދާއިރު، ރާއްޖެ މިހާރު އޮތީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުގެ 'ކްރައިސިސް'އެއްގެ ތުންފަތް މަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާއިރު، ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ނުލިބުމުގެ ސަބަބުން ވިޔަފާރި ކުރިއަށް ގެންދިއުމަށް ވަނީ މުޅިން ހުރަސް އެޅިފައި ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
ޝައިޚް ޙަމަދުގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސް ގަތަރަށް
އީރާނުން ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި
ހަފުތާއެއް ތެރޭގައި އަލިފާނުގެ 7 ހާދިސާ ހިނގި: އެމްއެންޑީއެފް