ޕެރިސް (11 މެއި) - ފައިޒާ އަދި ބައޯންޓެކް އިން އުފައްދާ ފައިޒާ ވެކްސިންގެ ހަ ޑޯޒު އިޓަލީގެ 23 އަހަރުގެ އަންހެނަކަށް އޮޅިގެން ދެވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ބޭއްވުމަށްފަހު ދޫކޮށްލައިފި އެވެ.
މި ހާދިސާ ހިނގާފައި ވަނީ ޓުސްކަނީގެ ނޯއާ ހޮސްޕިޓަލުގައި މިދިޔަ އާދީއްތަ ދުވަހު ކަމަށް އެ ހޮސްޕިޓަލުގެ ތަރުޖަމާނަކު ސީއެން އެން އަށް ބުނެފައިވެ އެވެ.
އިތުރު އެހެން ބައްޔަކަށް ފަރުވާކުރަމުން ނުދާ އެ އަންހެންމީހާ 24 ގަޑިއިރު އޮބްޒަވޭޝަންގައި ބާއްވާފައި ވަނީ ވެކްސިންގެ އެހާ ގިނަ ޑޯޒް އެއްފަހަރާ ދެވިފައި ވާތީ ދިމާވެދާނެ ސިއްހީ މައްސަލައަކަށް ބަލަން ކަމަށް ތަރުޖަމާނު ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ވެކްސިން ޖަހަން ހުރި މެޑިކަލް އޮފިސަރަށް އޮޅިގެން ވެކްސިންގެ އެއް ފުޅި އެއްކޮށް ސިރިންޖަށް އެޅި އަންހެން މީހާގެ ގަޔަށް ސިރިންޖު އެއްކޮށް ޖަހައިގެންނެވެ.
އޭނާއަށް ހެދުނު ގޯސް އެނގުނީ ސިރިންޖު އެއްކޮށް ހުސްކޮށްލެވުނު ފަހުން ކަމަށާއި އެނގުނު ހިސާބުން އެކަމަށް ފިޔައަޅު އަޅާފައިވެ އެވެ.
އަންހެން މީހާގެ އުމުރުފުރާގެ އެހެން މީހުންނަށް ވުރެ ކުރިން އޭނާއަށް ވެކްސިން ޖަހަން ލިބުނީ އޭނާއަކީ އެ ހޮސްޕިޓަލުގެ މުވައްޒަފަކަށް ވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިޓަލީގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވެސް ވެކްސިން ޖެހުމަކީ ލާޒިމް ކަމަކަށްވީ އިރު މިކަމާ ޚިލާފުވާ މުވައްޒަފުން މުސާރައާ ނުލާ މަސައްކަތުން އެކަހެރި ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
މި ހާދިސާގައި ޒިންމާވާ މެޑިކަލް އޮފިސަރުގެ އިންޓާނަލް އޮޑިޓެއް ކުރިއަށް ދާނެ ކަމަށާއި ނަމަވެސް ބޮޑަށް ލަފާކުރެވެނީ މިއީ އިންސާނީ ކުށެއް ކަމަށް ހޮސްޕިޓަލުގެ ތަރުޖަމާނު ވިދާޅުވި އެވެ. --ސީ އެން އެން