ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓްތައް ހުޅުވޭނެ ގޮތާއި ބޭރުން ފައިސާ ގެނެވޭ ޚިދުމަތުގެ ތަފްސީލު ހާމަކޮށްފި އެވެ. މި ހިދުމަތާއެކު އަމިއްލަ 'އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރު' (IBAN) އެއް ހިމެނޭ އިންޓަރނޭޝަނަލް އެކައުންޓެއް ހުޅުވައި، ބޭރުގެ އެކައުންޓްތަކުން ފަސޭހަކަމާއެކު ފައިސާ ލިބޭނެ މަގުފަހިވާނެ އެވެ.
އިންޓަނޭޝަނަލް އެކައުންޓްގެ ހިދުމަތް ލިބޭނީ ޑޮލަރު، ޔޫރޯ އަދި ޕައުންޑް އިންނެވެ. މިއީ ކަސްޓަމަރުންނަށް ތަފާތު ފައިސާއިން މުއާމަލާތް ކުރުމަށް ލިބޭ ބޮޑު ލުޔެކެވެ. ބައިނަލްއަގުވާމީ ފައިސާގެ ޓްރާންސްފާއެއް ހިންގުމާއެކު، ވަގުތުން ކަސްޓަމަރުގެ 'ސްވައިޕް' ވޮލެޓަށް އެ ފައިސާ ޖަމާވާނެ އެވެ. މިއީ ލިބޭ ފައިސާ އަވަހަށް އަދި ފަސޭހައިން ބޭނުންކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ސްވައިޕްއަށް ލިބޭ ޕީ-ޓު-ޕީ ފައިސާގެ ޓްރާންސްފަރތަކުން އެއްވެސް ފީއެއް ނުނަގާނެ އެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބައިނަލްއަގްވާމީ ފައިސާ ލިބޭނެ ގޮތް ހަމަޖެހުމަކީ ކަސްޓަމަރުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ކަމެއް ކަމަށާއި، މީގެ ސަބަބުން ފްރީލާންސް މަސައްކަތްކުރާ ފަރާތްތަކާއި، އަމިއްލަ ވިޔަފާރިވެރިން އަދި ބޭރުގެ ބައިވެރިންނާއެކު މުއާމަލާތްކުރާ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
"އަދި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ބޭރު ގައުމެއްގައި ބޭންކް އެކައުންޓެއް ހުޅުވައިގެން އެ ގައުމެއްގެ ލޯކަލް ޕޭމަންޓެއްހެން ވަގުތުން އިންސްޓަންޓްކޮށް ފައިސާ ޖަމާވެގެންދާނެ. މިއީ 'ސްވައިޕް' އަކީ ފުރިހަމަ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމަކަށް ހެދުމަށާއި، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކާއި އީޖާދީ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް" ޝަރީފް ވިދާޅުވި އެވެ.
މިއަހަރުގެ ކުރީކޮޅު ރަސްމީކޮށް ތައާރަފްކުރި 'ސްވައިޕް' ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު މިހާރު ވަނީ 20،000 އަށްވުރެ މައްޗަށް އަރާފަ އެވެ. ފަސޭހަކަމާއެކު ފައިސާ ދެއްކޭ މި ހިދުމަތަށް ބީއެމްއެލްގެ ކަސްޓަމަރުންގެ ރަނގަޅު ތަރުހީބެއް ދަނީ ލިބެމުންނެވެ. އަދި 3,300 އަށްވުރެ ގިނަ މާޗަންޓުން މިހާރުވެސް މި ޚިދުމަތް ބޭނުންކުރަމުންދާއިރު، މިއީ ރާއްޖޭގައި އެންމެ ހެޔޮ އަގުގައި އަދި އެންމެ އަވަހަށް ފައިސާ ސެޓްލްކޮށްދޭ އެއް ޑިޖިޓަލް ޕޭމަންޓް ހިދުމަތެވެ.
އާޖެންޓީނާގެ ކުޅުން ގޯހެއް ނޫން: ސްކަލޯނީ
ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ހިދުމަތްފަށައިފި
އަލަތު ކައިވެނީގެ ހަފުލާއަށް މާލޭން ހިލޭ ޖާގަ ހަމަޖައްސައި ދެނީ
