ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) މިހާރު ހިންގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފެށި މަސައްކަތުގެ ތެރެއިން، އެކަމާ ގުޅޭ ލިޔެކިޔުންތައް ކޮމިޓީން ގެއްލިފައިވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގާފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭގޮތުންނެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން އިތުރަށް ދިރާސާކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން މެމްބަރު ޝަމްހީދު ވިދާޅުވީ، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދަ ނޭދެވޭ ކަންކަން، މިސާލަކަށް އިއުލާން ކުރުމަކާ ނުލައި ވެހިކަލް ހޯދުމާއި، ލިޔެކިޔުންތައް އޮޅުވާލައިގެން ޕެޓީ ކޭޝްއިން ފައިސާ ނެގުން ފަދަ އަމަލުތައް މިހާރުވެސް ކުންފުނިތަކުގެ ތެރޭގައި ހިނގަމުންދާ ކަމަށެވެ. ޝަމްހީދު ކަންބޮޑުވުން ފާޅުކުރެއްވީ، މިހާރު ހިނގަމުންދާ ކަންކަމަށް ސަމާލުކަން ނުދީ، އަބަދުވެސް މީގެ 5 ނުވަތަ 10 އަހަރު ކުރިން ހިނގާފައިވާ މައްސަލަތައް ބަލަން މަސައްކަތް ކުރާތީ އެވެ.
ކޮމިޓީގެ ޒިންމާއަކީ ހަމައެކަނި ކުރިން ހިނގާފައި ހުރި ކަންތައްތައް ބެލުން ނޫން ކަމަށާއި މިއަދު ހިނގާ ކަންތައްތައް ހުއްޓުވައިގެން ނޫނީ ރައްޔިތަކަށް މީގެން ލިބޭ މަންފާއެއް ނެތްކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކެއް އިންސައްތަ މީހުންވެސް ކުށްވެރިވެ، ދައުލަތަށް ފައިސާ ލިބޭ މަންޒަރެއް ނުފެނެ އެވެ. އެހެންކަމުން، ކޮރަޕްޝަން ހުއްޓުވުމުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، މިހާރު ހިނގަމުންދާ ވައްކަންތައް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްއޯއީތަކުގެ މިހާރުގެ މައްސަލަތައް ބަލަން ކޮމިޓީން ފެށި ނަމަވެސް، ވަކި ހިސާބަކުން އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ޝަމްހީދު ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިހާރު ހިންގާ ކަންކަން ނުބަލައި، ކުރީގެ މައްސަލަތަކަށް އެކަނި ބަލައިގެން ކޮރަޕްޝަން ދުވަހަކުވެސް ނުހުއްޓުވޭނެ ކަމަށެވެ.
ޝަމްހީދުގެ މި ޝަކުވާތަކާ ގުޅިގެން، ކޮމިޓީގެ ވަގުތީ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެ ހުރިހާ މައްސަލަތަކެއް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ކަމާބެހޭ އިދާރާތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފެނަކައިގެ އޮޑިޓް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ ފަދަ މައްސަލަތަކެއް ހުރުމުން، އެކަން ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް މިއަދުގެ ކޮމިޓީން ވަނީ ނިންމާފަ އެވެ.
ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަންކުރަން ރުހުން ދީފި
ފްރާންސް އިން ތައްޓަށް ކުރި އުއްމީދު ފުނޑުފުނޑު ވެއްޖެ
ހުޅުމާލޭގައި މަގު ފާރަވެރިން ބައިތިއްބަން ނިންމައިފި