ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި މޯލްޑިވްސް މާކެޓީން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ން ވަގަށް ނެގި ފައިސާއިން މަންފާވި ކަމަށް ބުނެ އެކުލަވާލި މީހުންގެ ލިސްޓް މިއަދު މަޖިލީހުން އާންމުކުރި އިރު ރެއިން ފެށިގެން އާންމުވެފައިވާ ލިސްޓުގައި ހިމެނިފައިވާ ބައެއް ބޭފުުންގެ ނަންތައް ގެއްލިއްޖެ އެވެ.
އެގޮތުން މިއަދު އާއްމުކުރި ލިސްޓުން ގެއްލިފައި ވަނީ، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އަދި މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ނަމެވެ.
ކޮރަޕްޝަންގެ ލިސްޓު އާއްމުކުރަމުން މަޖިލީހުގެ ޖުޑީޝިއަރީ އަދި ސަލަމާތި ކަންތައްތައްތަކާ ބެހޭ ސަބް ކޮމެޓީން ބުނީ ހިޔާނާތުގެ ލިސްޓް އާންމުކުރީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް ކަމަށެވެ. ނަމަވެސް އެ ވާހަކަ ގިނަބަޔަކު ގަބޫލެއް ނުކުރެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓު ކަމަށް ބުނާ ލިސްޓެއް ރޭ ވަނީ އާންމުވެ ފައެވެ. މިއަދު މަޖިލީހުން އާންމު ކުރި ލިސްޓާ ކޮމިޝަނުން އެކުލަވާލި ލިސްޓް ތަފާތެވެ. އެއްގޮތް ކަންތައްވެސް މިއަދު އާއްމުކުރި ލިސްޓުގައި ވެސް ހުއްޓެވެ.
މަޖިލީހުން އާއްމުކުރި ލިސްޓުގައި މިހާރުގެ މަޖިލީހުގެ 16 މެމްބަރުން ހިމެނެ އެވެ. ހިޔާނާތުގެ ފައިސާ 281 މީހަކަށް ލިބިފައިވާ ކަމަށް ސަބް ކޮމެޓީގެ ލިސްޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި މިހާރު ދައުލަތުގެ މަަގާމުތަކުގައި ތިއްބެވި 119 ބޭފުޅަކުވެސް ހިމެނި ލައްވަ އެވެ. އެ ފަރާތްތައް މަގާމުން ވަކި ކުރަންވެސް ކޮމެޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
މިހާރު މަޖިލިސް މެމްބަރުންނާއި ކުރީގެ މެމްބަރުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މެމްބަރުން އެމްއެމްޕީއާރުސީގެ ފައިސާގައި ލިބިފައިވާކަން އެ ލިސްޓުން އެނގިގެންދެ އެވެ.
އިންސާފުން ކަންތައް ކުރަންޖެހޭނީ.