ރާއްޖެއިން ނަގާ އަދި ނަގާފައިވާ ދަރަނި އަދާކުރުމުގައި އެއްވެސް ދަތިކަމެއް ހުރި ނަމަވެސް، އެ ލޯނުތައް ދެއްކޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގުރާމެއްގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ ދަރަންޏަށް ފައިސާ ނަގާނަމަ، އެ ފައިސާ އަދާކުރުމުގެ ގާބިލުކަން ހުންނަންވާނެ ކަމަށެވެ. އަދި އެ ގާބިލުކަން ހުރިނަމަ، ދަރަންޏަށް ފައިސާ ނެގުމަކީ އެކަމުގައި ހިރާސް އެކުލެވޭ ކަމެއް ނޫން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"ރާއްޖޭގައި އަޅުގަނޑުމެން ނަގާފައިވާ ދަރަނި ސާވިސް ކުރުމުގައި ހާލަތުގެ ގޮތުން ދަތިތައް ހުރެދާނެ. ނަމަވެސް އަޅުގަނޑުމެންގެ ޑެޓް ސާވިސް [ދަރަނި އަދާކުރަމުން] ކުރަމުން ކުރިއަށްދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ދަރަންޏަށް ފައިސާ ނަގައިގެން އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ދަތި ޙާލަތުން އަރައިގަތުން މުހިއްމުކަން ގަބޫލުކުރާ ކަމަށެވެ. އަދި މި ވަގުތު ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ދަރަންޏަށް ފައިސާ ނަގައިގެން އިގްތިޞާދު ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ރާއްޖޭގައި ފިސްކަލް ސޭވިން އެއް ނުވަތަ ބޮޑު ރިޒާވެއް ނެތް ކަމަށެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވިދާޅުވީ މިސަރުކާރުން މިދިޔަ ދެ އަހަރު ތެރޭގައި ޙަވާލުކުރި މަޝްރޫއުތަކުގެ އަގު ހަ ބިލިއަން ރުފިޔާއާ ގާތްކުރާ ކަމަށެވެ.
"ކިތައް މަޝްރޫޢުތޯ ރާއްޖޭގެ އެއްފަހަރާ ކުރިއަށް އެދަނީ، މަދު ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއްގައި ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމެއް އެބަކުރިއަށްދޭ. ކިތަށް ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް އެއްފަހަރާ ކުރިއަށް އެދަނީ،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ އިގްތިސާދު ފުޅާކުރުމަށް ކަމަށާއި ސަރުކާރުގެ ގިނަ ވައުދުތައް ފުއްދުމުގެ މަސައްކަތް ކޯވިޑުގެ ހާލަތުގައި ވެސް ކުރަމުންދާ ކަމަށެވެ. އަދި ލޯނު ހޯދުމަކުން އިގްތިސާދު ކުރިއަރައިގެން ނުދާނެ ކަމަށާއި އިގްތިސާދު ކުރިއަރާނީ އެ ލޯންތަކުން ކުރެވޭ މަސައްކަތްތަކުން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.