އަލްޒައިމާސް ބައްޔަކީ ސިކުނޑީގެ ނާރުތަކަށް ޖެހޭ، ދުވަސްވީ ވަރަކަށް ހާލަތު ގޯސްވާ ބައްޔެކެވެ. މިއީ އަދި މުޅިން ރަނގަޅު ކުރެވޭނެ ފަރުވާއެއް ހޯދިފައިވާ ބައްޔަކަށް ނުވާތީ، މެޑިކަލް ދާއިރާގެ އެންމެ ބޮޑު އަމާޒަކީ ބަލީގެ ކުރީކޮޅު މިއީ އަލްޒައިމާސްކަން ދެނެގަނެ، އަލާމާތްތައް ކޮންޓްރޯލްކޮށް ބަލި ކުރިއަރައިގެންދާ މިންވަރު ލަސް ކުރުމެވެ.

މިގޮތުން ސިއްހީ ދާއިރާއަށް އައިސްފައިވާ އެންމެ ބޮޑު އެއް ކުރިއެރުމަކީ ލޭގެ ޓެސްޓެއް މެދުވެރިކޮށް އަލްޒައިމާސް ދެނެގަނެވޭނެ މަގު ފަހިވުމެވެ.

ނެވީ މުމްބާއީގެ އެޕޯލޯ ހޮސްޕިޓަލްސްގެ އިންޓަވެންޝަނަލް ނިއުރޮލޮޖީ ކޮންސަލްޓަންޓް ޑރ. ވިޝާލް ޗަފާލޭ ވިދާޅުވި ގޮތުގައި، ލޭގައި ހުންނަ ބަޔޯމާކާސް، ހާއްސަކޮށް "p-tau217" ނަމަކަށް ކިޔާ ޕްރޮޓީންއެއް މި ޓެސްޓުން ވަޒަން ކުރެވެ އެވެ. މިއީ ސިކުނޑިން ލޭގެ ތެރެއަށް ދޫކުރާ ކުދިކުދި މައިކްރޯސްކޯޕިކް ޕްރޮޓީން ތަކެކެވެ.

އާއްމުކޮށް ހަދާ ކްލިނިކަލް ޓެސްޓުތަކުން އަލްޒައިމާސް ދެނެގަނެވޭ މިންވަރަކީ 61 ޕަސެންޓެވެ. ނަމަވެސް، ލޭގެ މި އާ ޓެސްޓުގެ ސަބަބުން ބަލި ދެނެގަތުމުގެ ސައްހަކަން 91 ޕަސެންޓަށް އުފުލޭނެ އެވެ.

ޑރ. ޗަފާލޭ ފާހަގަ ކުރެއްވި ގޮތުގައި، މީގެ ކުރިން ބަލި ދެނެގަތުމަށް ހަދަންޖެހޭ ސިކުނޑީގެ އަގުބޮޑު އިމޭޖިންގް ޓެސްޓުތަކާއި ސިކުނޑީގެ ނާރުތަކުން ފްލުއިޑް ނަގައިގެން ހަދާ އުނދަގޫ ޓެސްޓުތަކުގެ ބަދަލުގައި، އާންމު ކްލިނިކަކުން ހަދާލެވޭ އާދައިގެ ލޭގެ ޓެސްޓަކުން ބަލި ކަށަވަރު ކުރެވޭނެ މަގު މިހާރު ވަނީ ފަހިވެފަ އެވެ.

މިއީ ހުރިހާ އެންމެން ގަވާއިދުން ހަދަންޖެހޭ ރޫޓިން ސްކްރީނިންގް ޓެސްޓެއް ނޫނެވެ. ޑރ. ޗަފާލޭ އިރުޝާދު ދެއްވާ ގޮތުގައި މި ޓެސްޓު ހަދަން ޖެހެނީ ހަނދާން ނެތުން ނުވަތަ ވިސްނުމާއި ފިކުރު ކުރުމުގެ ބާރު ކުޑަވުމުގެ އަލާމާތްތައް ފެންނަން ފެށާފައިވާ މީހުންނެވެ.

އެއްވެސް އަލާމާތެއް ނެތް މީހުން މި ޓެސްޓު ހެދުން ރަނގަޅު ނުވާ ސަބަބަކީ، ކިޑްނީގެ ބަލިތައް ފަދަ އެހެން އާންމު ސިއްހީ މައްސަލަތަކުގެ ސަބަބުން ލޭގައި ހުންނަ މާކާސްތަކުގެ މިންވަރަށް ބަދަލު އައިސް، ނަތީޖާ އޮޅުން ބޮޅުން ވުމުގެ ފުރުސަތު އޮތުމުންނެވެ.

އެހެންކަމުން، ހަނދާން ނެތުމުގެ މައްސަލަތައް ކުރިމަތިވާން ފަށައިފިނަމަ، ޑޮކްޓަރެއްގެ އިރުޝާދާއެކު މިފަދަ ޓެސްޓެއް ހެދުމަކީ ބަލީގެ ކުރީކޮޅު ދެނެގަނެ، އެކަށީގެންވާ ފަރުވާ އަވަހަށް ފެށުމަށް ލިބޭނެ ބޮޑު އެހީ އެކެވެ.

މިއާއެކު އުމުރުން ދުވަސްވީ މީހުންގެ މެދުގައި އާއްމު ވަމުން އަންނަ މި ބަލި އަވަހަށް ދެނެގަނެ އަލާމާތްތައް މެނޭޖް ކުރުމަށް އާ އުއްމީދެއް ވަނީ ލިބިފަ އެވެ.