ދިވެހިރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއިކޮށްފައިވާ ޕްރިފެރެންޝަލް ޓްރޭޑް އެގްރީމެންޓް (ޕީޓީއޭ) އަށް މިއަދުން ފެށިގެން ރަސްމީކޮށް އަމަލުކުރަން ފަށައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އާ ރަންޔޫބީލެއް ފެށިއްޖެ އެވެ.
ނޮވެމްބަރު 2024 ގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ގިނަ އަދަދެއްގެ މުދާ ޑިއުޓީއާ ނުލައި ނުވަތަ ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ޑިއުޓީގެ ރޭޓުތަކުގައި އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރުމުގެ މަގު ފަހިވެގެންދާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން ތުރުކީއަށް އެކްސްޕޯޓުކުރާ 154 ބާވަތެއްގެ މުދަލުން ޑިއުޓީ ކުޑަކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ނިސްބަތްވާ ތާޒާ، ފިނިކުރި އަދި ދަޅުގައި ބަންދުކުރި ކަނޑުމަހުގެ ތަފާތު ބާވަތްތައް ހިމެނެ އެވެ.
މީގެ ކުރިން ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން 50 ޕަސެންޓަށްވުރެ ބޮޑު ޑިއުޓީއެއް ނަގަމުންދިޔަ ނަމަވެސް، އާ އެއްބަސްވުމުގެ ދަށުން 39 ބާވަތަކުން ޑިއުޓީ މުޅިން ކަނޑާލައި، އިތުރު 100 އަށްވުރެ ގިނަ ބާވަތުން ވަނީ ޑިއުޓީ ބޮޑުތަނުން ކުޑަކޮށްދީފަ އެވެ. މިއީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ތުރުކީގެ 85 މިލިއަނަށްވުރެ ބޮޑު މާކެޓަށް ފަސޭހަކަމާއެކު ވަނުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.
ހަމައެހެންމެ، ތުރުކީއިން ރާއްޖެއަށް އިމްޕޯޓުކުރާ 404 ބާވަތެއްގެ މުދަލުން ޑިއުޓީ ނުނަގާ ގޮތަށް މި އެއްބަސްވުމުގައި ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް މުހިންމު ކާބޯތަކެއްޗާއި، ފޭރާމާއި، ޕްލާސްޓިކާއި، ސެންޓާއި، ދަނގަޑުގެ ބާވަތްތަކުގެ އިތުރުން އެއާކޮންޑިޝަނާއި، ޖެނެރޭޓަރާއި، ކޭބަލާއި، ޓީވީ އާއި، ފަރުނީޗަރާއި، އުޅަނދުފަހަރު އަދި އީ-ސްކޫޓަރުގެ ބައިތައް ހިމެނެ އެވެ. މީގެ ސަބަބުން ތުރުކީގެ ފެންވަރު ރަނގަޅު އުފެއްދުންތައް މީގެ ކުރިއަށްވުރެ އަގުހެޔޮކޮށް ދިވެހި މާކެޓުން ލިބެން ހުންނާނެ އެވެ.
ދިވެހިރާއްޖެއިން ދަނީ ބޭރުގެ އެކި ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރަމުންނެވެ. އެގޮތުން ޗައިނާ އާއެކު ގާއިމުކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާއިރު، އަވައްޓެރި އިންޑިއާ އާއި އެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.
ތުރުކީއާއެކު އަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، ބައިނަލްއަގުވާމީ ވިޔަފާރީގެ އާ ފުރުސަތުތައް ދިވެހި ވިޔަފާރިވެރިންނަށް ހުޅުވައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ރިޓަޔާކުރައްވައިފި
"ލަފާދޭ ގައުމީ މަޖިލީހުގައި 100 ތަޖުރިބާކާރުން ތިބޭނެ"
