ޣައްޒާ (14 މެއި) - އިޒްރޭލުގެ ޔަހޫދީ ސިފައިންނާ ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރިއަށްދާ ކުރިމަތިލުންތަކުގައި އިޒްރޭލުގެ ސިފައިން ފުރަތަމަ ފަހަރަށް އެއްގަމުގެ ބާރުތައް މިއަދު ބޭނުންކުރަން ފަށައިފި އެވެ.

އިޒްރޭލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް މިއަދު އެއްގަމު މަގުން ހަމަލާތައްދީ ގިނަ ބަޔަކު ޒަހަމް ކޮށްލާފަ އެވެ. އަދި ހަމަލާތައް އެގޮތުގައި ކުރިއަށް ގެންދިއުމަށް އިޒްރޭލުގެ ސިފައިންތަކެއް ވަނީ ޣައްޒާއަށް ފޮނުވާފަ އެވެ.

މިހާތަނަށް ދެ ފަރާތުގެ ދެމެދުގައި ކުރިމަތިލުންތައް ހިނގަމުން އައީ ވައިގެ މަގުންނެވެ. އެގޮތުން ރޮކެޓާއި މިސައިލްސްގެ އިތުރުން އެހެނިހެން ވައިގެ ހަތިޔާރުތައް ދެ ފަރާތުން ވެސް އައީ ބޭނުން ކުރަމުންނެވެ.

މިހާތަނަށް 1،800 އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ހަމާސްގެ މުޖާހިދުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނާއިރު ޣައްޒާގެ އިދާރާތަކުން ބުނާގޮތުގައި އިޒްރޭލުން ފޮނުވާލި 50 އަށްވުރެ ގިނަ ޑްރޯން އަދި ފައިޓާ ޖެޓް ހަމަލާތަކުގައި އެއް ރޭ މަތިން އެކަނި 150 މީހުން ޒަހަމްވެފައިވެ އެވެ.

އިޒްރޭލުން އެއްގަމުގެ ހަތިޔާރުތައް ބޭނުންކުރަން ފެށުމާއެކު އެ ގައުމުގެ ސިފައިންގެ އަނިޔާވެރިކަން ޣައްޒާގައި އިތުރު ވާނެ ކަމަށް ލަފާކުރެވެ އެވެ.

އިޒްރޭލުގެ އަނިޔާވެރިކަމުގެ ރައްދުގައި ހަމާސް ޖަމާއަތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ސަބަބުން އިޒްރޭލުގެ އެކި ސަރަހައްދުތަކުގައި ރޯވެ، މުޅި ގައުމުގައި ވަނީ ބިރުވެރިކަން ފެތުރިފަ އެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިޒްރޭލުގައި އަމާންކަމާއި ސަލާމަތްކަން ގާއިމު ވަންދެން އިޒްރޭލްގެ އޮޕަރޭޝަން ކުރިއަށް ދާނެ ކަމަށެވެ. -- ނިއުޔޯކް ޓައިމްސް