ދާރުއްސަލާމް (14 މެއި) - އިޒްރޭލާއި ފަލަސްތީނާ ދެމެދު މިހާރު ކުރިއަށްދާ ކުރިމަތިލުންތަކުގެ ސަބަބުން އިޒްރޭލުގައި ދިގު މުއްދަކަށް ދެމިގެން ހިނގައިދާނެ ބޮޑު ދާޚިލީ ހަނގުރާމަ އެއް ފެށިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

އިޒްރޭލުގެ ޔަހޫދީންނާއި އަރަބީންގެ މެދުގައި ގިނަ ހަމަނުޖެހުންތަކެއް ހިނގައި އެ ގައުމުގެ މަގުތަކުގައި ލޭއޮހޮރުވުންތައް ދަނީ އާއްމުވަމުންނެވެ. މިސަބަބަށްޓަކައި ސިޔާސީ ލީޑަރުން ދަނީ ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް އިންޒާރު ދެމުންނެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ހަމަނުޖެހުންތަކަކީ ހައްދުފަހަނަ އަޅާފައިވާ ނެޝަނަލިސްޓުންކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވާ އެފަދަ ހަމަނުޖެހުންތަކަށް އެ ގައުމުގައި ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ނަތަންޔާހޫ ވަނީ ވަނީ އިޒްރޭލުގެ މަގުތަކުގައި ފޯރިމަރާ އަސްކަރީ ސިފައިން އިތުރުކޮށް ދިފާއީ ބާރު ވަރުގަދަ ކުރުމުގެ ގޮތުން މި ވަގުތު ޗުއްޓީގައި ތިބި އަސްކަރީންގެ ޗުއްޓީ ވެސް ކެންސަލްކޮށް މަސައްކަތަށް ނުކުންނަން އަމުރު ކޮށްފަ އެވެ.

މި ހަމަނުޖެހުންތަކަށްވުރެ ބޮޑު ނުރައްކަލެއް މިވަގުތު އެ ގައުމަށް ނެތްކަމަށާއި ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ސިފައިންނަށް ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށް ނަތަންޔާހޫ އިތުރަށް ވިދާޅުވި އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް އެއްގަމު ހަތިޔާރު ބޭނުންކުރަން ފެށުމާއެކު ކުރިމަތިލުންތައް ވަނީ އިތުރަށް ވަރުގަދަވެފަ އެވެ.

މިއާއެކު ފަލަސްތީނަށް ތާއީދުކުރާ އިޒްރޭލުގެ އަރަބި މުސްލިމުންނާއި ޔަހޫދީ ޒައަނިސްޓުންގެ މެދުގައި ހަމަނުޖެހުންތައް ވެސް ގިނަ ވާނެ ކަމަށް އެ ގައުމުގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. -- ނިއުޔޯކް ޓައިމްސް