ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުއަށް އަމާޒުކޮށްދިން ހަމަލާ ދިނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ތުހުމަތު ކުރައްވައިފި އެވެ

މީރާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މިހަމަލާ ދިނުމުގައި ތުހުމަތު ކުރެވޭ މީހުންގެ ލިސްޓް ވަރަށް ދިގު ކަމަށެވެ. އެގޮތުން ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށާއި ރައީސް ސޯލިހަކަށް އެއްވެސް އިތުބާރު ނުކުރެވޭ ކަމަށެވެ. އަދި މިނިސްޓަރު ޝާހިދުގެ ކިބައިން ޝައްކުކުރެވޭ ބައެއް ކަންކަން ފެންނަމުންދާ ކަމަށް ވެސް މީރާ ވަނީ ބުނެފަ އެވެ.

މީގެ ކުރިން މީރާ ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ވެސް މިފަދަ ތުހުމަތުތަކެއް ކޮށްފަ އެވެ.

މިގޮތުން މާރިޔާގެ އިސްތިއުފާއަށް ގޮވައި މީހަކު ކޮށްފައި އޮތް ޓުވީޓެއް ރީޓުވީޓު ކުރަމުން ބުނެފައި ވަނީ މާރިޔާއަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާ ކަމަށެވެ.

މިހާރު އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދިނުމަށް ބަޔަކު ރާވަމުން ދިޔަކަން ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ މާރިޔާއަށް އަންގަވާފަ އެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ޑިފެންސް މިނިސްޓަރު މާރިޔާގެ އިސްތިއުފާއަށް ގޮވަމުންނެވެ. މިހަމަލާގައި އިންޓެލިޖެންސް ފެއިލެވެފައި ވާތީ ސިފައިނާއި ފުލުހުންގެ އިސްވެރިން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ތިން މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއް ދޭން އުޅުނުކަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެކަމަނާއަށް އެންގެވި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައި އެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އެ މެމްބަރު އެ މައުލޫމާތު ހިއްސާ ކުރެއްވުމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެކަން އެންގެވުމަށް އެ މެމްބަރަށް ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރެއް ކަމެއް މާރިޔާ ވިދާޅެއް ނުވެ އެވެ.

ނަމަވެސް މީޑިއާގައި މިމައްސަލައާ ގުޅިގެން މާރިޔާ ދެކި ބައެއް ވާހަކަތައް ހުޅުމީދު ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ދޮގުކުރައްވާފަ އެވެ. މިކަމާ ގުޅޭގޮތުން ނެރުއްވި ބަޔާނުގައި އިލްޔާސް ލަބީބު ވިދާޅުވީ އާންމު މީހެއްގެ ފަރާތުން އެ މައުލޫމާތު ލިބިވަޑައިގަތުމުން ރައީސް ނަޝީދާއި މިނިސްޓަރު މާރިޔާއަށް އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ. އެ މައުލޫމާތު ޕޮލިސް ކޮމިޝަނަރާ ހިއްސާ ކުރައްވަން މިނިސްޓަރު މާރިޔާ އަންގަވާފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

ހަމަލާގެ ފަހަތުގައިވަނީ ސީދާ ކޮން މަގްސަދެއްކަން މިހާތަނަށް އައިރު ތަހުގީގަށް ހާމަނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފައިވާއިރު، އިންޓެލް އިންކުއަރީއަކާއި ރައީސް ނަޝީދުގެ ސެކިޔުރިޓީ އެސެސްމަންޓްއެއް ހެދުމަށް ރައީސް ސޯލިހު ވަނީ އަންގަވާފަ އެވެ.

ހަމަލާއާއި ގުޅިގެން ލިބުނު ފަރުވާތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު، އިތުރު ފަރުވާ ހޯދުމަށް މިވަގުތު ހުންނެވީ ޖަރުމަނުގަ އެވެ. އަދި ރައީސް ނަޝީދުގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ކުރެއްވުމަށް ހަމަޖެހިފައި ވަނީ ޖަރުމަން ވިލާތުގައި ހުންނަވާ ރާއްޖޭގެ އޮންރަރީ ކޮންސޫލް ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ.