ވޮޝިންގްޓަން (15 މެއި) - އިޒްރޭލާއެކު ސުލްހަ ގާއިމު ކުރުމަށް ބާރުއަޅާ އެމެރިކާއިން ފަލަސްތީނަށް 10 މިލިއަން ޑޮލަރުގެ މާލީ އެހީ އެއް ހުށައަޅައިފި އެވެ.

އެމެރިކާއިން ބުނީ ފަލަސްތީނަށް ދޭން ނިންމާފައިވާ މާލީ އެހީގެ ތަފްސީލް އެ ގައުމުގެ ކޮންގްރެސްއަށް ހުށައަޅާފައިވާނެ ކަމަށެވެ.

އިޒްރޭލާ ގާތް ގުޅުމެއް ބާއްވާ އެމެރިކާއިން އިޒްރޭލާ ސުލްހަވުމަށް ޝަރުތުކޮށް ފަލަސްތީނަށް މި އެހީތައް ހުށައަޅާފައިވަނީ އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު ހޫނުވެ ކުރިމަތިލުންތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި ފައިސާގެ އެހީ ދެވޭނީ ފަލަސްތީނުގައި ހަރަކާތްތެރިވާ ޖަމާއަތްތަކަށް ނަމަވެސް އެހީ ލިބޭ ޖަމާއަތްތައް އެމެރިކާއިން އާއްމުކޮށްފަ އެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ފަލަސްތީނުގެ ފަތަހަ ޖަމާއަތާއި ހަމާސް ޖަމާއަތަށް އެހީ ހުށައެޅި ނަމަވެސް އެ ދެ ޖަމާއަތުން ވެސް އެހީ ގަބޫލެއް ނުކުރާނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެހީގެ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭނީ ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދުގެ މަޝްރޫއުތަކަށް ނަމަވެސް އެހީގެ ދަށުން ކުރިއަށް ގެންދާ އެހެން ކަންކަމުގެ ތެރޭގައި އިޒްރޭލުގައި ދިރިއުޅޭ އަރަބިންނާއި ޔަހޫދީންގެ މަޝްރޫއުތައް ވެސް ހިމެނުން އެކަށީގެންވެ އެވެ.

އެމެރިކާ ސަރުކާރުން ބުނާގޮތުގައި މިއީ ރައީސް ޖޯ ބައިޑަންގެ ޒައާމަތުގައި ފަލަސްތީނަށް ދޭން ނިންމަވާފައިވާ 100 މިލިއަން ޑޮލަރުގެ އެހީގެ ފެށުމެވެ. --އޭބީސީ ނިއުސް