މީހުންނަށް ނޭނގި ނުވަތަ އެ މީހުންގެ ހުއްދައަކާ ނުލައި ހޯދާފައިވާ އޯޑިއޯ ރެކޯޑިންތަކާއި މައުލޫމާތުތައް ބްރޯޑްކާސްޓް ކުރުމުގައި ގާނޫނާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެމްބީސީން މިފަދައިން އިލްތިމާސްކޮށްފައި ވަނީ، ވެރިކަންކުރާ ޕީއެންސީއަށް ސޮއި ހޯދުމުގެ ތުހުމަތާ ގުޅިގެން ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ސްޓެލްކޯގެ އެޗްއާރު ޑިޕާޓްމަންޓަށް ވަގުތުން ގުޅައި، މުވައްޒަފަކާ ދެއްކި ވާހަކަތަކެއް އޮންއެއާ ކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

މި މައްސަލައާ ގުޅިގެން މީޑިއާ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، ކޮންމެ މީހެއްގެ ވެސް ޒާތީ ދިރިއުޅުމާއި، އާއިލީ ކަންކަމާއި، އަނެކުންނާ ކުރާ މުއާމަލާތްތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަން ކަމުގައި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ފަރުދުންގެ ކަރާމާތާއި އަބުރު ރައްކާތެރިކުރުމަށާއި، އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރުމަށް ގާނޫނުގައި ލާޒިމުކޮށްފައިވާ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން، މީޑިއާތަކުން ފޯނު މެދުވެރިކޮށް ކުރާ މުއާމަލާތްތައް ވަގުތުން ބްރޯޑްކާސްޓް ކުރަން ގަސްދުކުރާނަމަ، އެކަން އެ މީހަކަށް ކުރިން ސާފުކޮށް އެންގުމަށާއި، އެ ވާހަކަތައް އާންމުކުރުމަށް އެ މީހެއްގެ އިއުތިރާޒެއް ނެތްކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމުގައި ސްޓެލްކޯގެ މުވައްޒަފަށް ފުރަތަމަ ގުޅި ވަގުތު އެއީ ލައިވް ބްރޯޑްކާސްޓެއްކަން އަންގާފައެއް ނުވެ އެވެ. އަދި ޕީއެންސީ ފޯމާ ގުޅޭ މައުލޫމާތުތަކެއް ސާފުކުރުމަށްފަހު ފޯނު ކަނޑާލުމަށްފަހު، ދެވަނަ ފަހަރަށް ގުޅައި އެއީ ރާއްޖެ ޓީވީކަން ހާމަކުރުމުން ފޯނު ވަނީ ކަނޑާލާފަ އެވެ. މިކަމާ ގުޅިގެން ސްޓެލްކޯ އިން މިހާރު ވަނީ އެޗްއާރު މުވައްޒަފު ސަސްޕެންޑްކޮށް، މައްސަލަ ބަލަން ފަށައިފަ އެވެ.

މީޑިއާ ކޮމިޝަނުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އާންމު މަސްލަހަތު ހިމެނޭ މައުލޫމާތު ހޯދުމުގައްޔާއި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގައި އަދި މަސްދަރުތައް ރައްކާތެރިކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ. އަދި އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، އިންސާފުވެރިކަމާއެކު މުއާމަލާތްކުރުމަށް ކަނޑައަޅާފައިވާ ހަމަތަކަށް ހުރިހާ ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން ތަބާވުމަށް ވެސް އެ ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފަ އެވެ.