ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުން ވެރިކަންކުރާ ޕީއެންސީއަށް ވައްދަމުންދާކަން ލައިވް ޓީވީ ޕްރޮގްރާމެއްގައި ފަޅާއެރުމާ ގުޅިގެން، ސްޓެލްކޯގެ އެޗްއާރު ޑިޕާޓްމަންޓުގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.

މި މައްސަލަ ފަޅާއަރުވާލާފައި ވަނީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި، އެ ޗެނަލްގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް ލައިވްކޮށް ސްޓެލްކޯގެ އެޗްއާރު ޑިޕާޓްމަންޓްގެ ލޭންޑްލައިނަށް ގުޅައި ކުރި ސުވާލުތަކުންނެވެ.

ޕީއެންސީއަށް ސޮއިކުރުމަށްފަހު ފޯމުގެ ސްކްރީންޝޮޓް ފޮނުވަންވީ ކޮން ނަންބަރަކަށްތޯ ސުވާލުކުރުމުން، އެޗްއާރުގެ ނަންބަރަށް ފޮނުވުމަށް އެ މުވައްޒަފު ވަނީ އެދިފަ އެވެ.

ހަމައެއާއެކު ޕީއެންސީއަށް މުވައްޒަފުން ކުރުވާ ސޮއިގެ މެސެޖުތައް ފޮނުވަނީ ސްޓެލްކޯގެ އެޗްއާރު ނަންބަރަށްކަން ކޯލުގެ ތެރެއިން ވަނީ ކަށަވަރުވެފަ އެވެ.

މި މައްސަލަ ފަޅާއެރުމާއެކު ސޯޝަލް މީޑިއާގައި އާމުންގެ ބޮޑެތި ފާޑުކިއުންތަކެއް ސްޓެލްކޯއަށް ވަނީ އަމާޒުވެފަ އެވެ.

އެއާއެކު މީޑިއާގައި ދެކެވުނު ވާހަކަތަކާ ގުޅިގެން ތުހުމަތުކުރެވޭ މުވައްޒަފު ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ތަހުގީގަށްފަހު އިދާރީ އަދި އިސްލާހީ ފިޔަވަޅު އަޅާނެކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

ނަމަވެސް ސްޓެލްކޯއިން އާންމުކުރި ޕޯސްޓުގައި، ރާއްޖެ ޓީވީން ގުޅީ އެ ކުންފުނީގެ އެޗްއާރަށް ނޫން ކަމަށް ދޮގުކޮށްފައެއް ނުވެ އެވެ.