އީރާނަށް ތާއީދުކުރާ ހޫތީ ހަނގުރާމަވެރިން ޔަމަނުގެ އައްސޭރިފަށުގެ މުހިންމު ރަށެއް ކަމަށްވާ މޯކާ، ބުރާސްފަތި ދުވަހު އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. މިއީ އެމެރިކާގެ ރިޔާސީ އިންތިހާބަށްފަހު ހަނގުރާމަ ނިމޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހިނގި ކަމެކެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް އިތުރު ނުރައްކަލެއް ވަނީ ކުރިމަތިވެފަ އެވެ.

ޔަމަނުގެ ސަރުކާރުގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ދުނިޔޭގެ އެންމެ މުހިންމު ކަނޑުގެ މަގުތަކުގެ ތެރޭގައި ހިމެނޭ ބާބުލް މަންދަބު ކަނޑުއޮޅީގެ މައްޗަށް އޮތް ބާރު މިހާރު ހޫތީން ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އަދި ސްޓްރެޓީޖިކް ގޮތުން މުހިންމު ރަށްތަކެއް ކަމަށްވާ ހަނީޝް ރަށްތަކަށް ހޫތީން ދަނީ ހަމަލާދެމުންނެވެ.

އީރާނާ އެކު މި ހަނގުރާމައިގައި ބައިވެރިވި ހޫތީން، މާޗު 28 ގައި އިޒްރޭލަށް ހަމަލާދިން ނަމަވެސް، އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން މަޑުން ތިއްބެވެ. ނަމަވެސް، ޖުލައި މަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބަންދެއް އިއުލާނުކޮށް، ސެޕްޓެމްބަރު މަހުން ފެށިގެން ސައުދީގެ ދެކުނުގެ ސަރަހައްދުތަކަށް ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ސައުދީ އަރަބިއްޔާއިން ރަތްކަނޑުގެ މަގަށް ބަރޯސާވާން ޖެހުނީ، އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުންނެވެ. މީގެ ކުރިން ދުނިޔޭގައި ބޭނުންކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލަނީ އެ ކަނޑުއޮޅިންނެވެ. ޗައިނާގެ މެދުވެރިކަމާއެކު ސައުދީ އާއި އީރާނުގެ ގުޅުން ރަނގަޅުވާން ފެށި ނަމަވެސް، ދެ ގައުމުގެ މެދުގައި އަދިވެސް އޮތީ ބޮޑު ނުތަނަވަސްކަމަކާއި އިތުބާރު ނެތުމުގެ މައްސަލައެކެވެ.

ބުރާސްފަތި ދުވަހު ސަރަހައްދުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ހޫތީން ދިން ހަމަލާތަކާ ގުޅިގެން، ސައުދީގެ ހުޅަނގު ދެކުނުގެ ރަށެއް ކަމަށްވާ ހަމީސް މުޝައިތަށް 24 ގަޑިއިރު ތެރޭ ހަތަރު ފަހަރު ކުއްލި ނުރައްކަލުގެ އިންޒާރު ނެރެފައިވެ އެވެ. މި ހަމަނުޖެހުންތައް އިތުރަށް ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި، ހޫތީން ކޮންޓްރޯލް ކުރުމަށް ސައުދީން އީރާނަށް ދިން އިންޒާރު ޕާކިސްތާނުން ވަނީ އީރާނަށް ރައްދުކޮށްފަ އެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ ހޫތީންނަކީ އެމީހުންގެ ކޮންޓްރޯލް އޮންނަ ބައެއް ނޫން ކަމަށެވެ.

ސައުދީއަށް ތާއީދުކުރާ ޔަމަނުގެ ސަރުކާރު ސިފައިންނާއި ހޫތީންގެ މެދުގައި ހަނގުރާމަ ވަރުގަދަވަމުންދާއިރު، އީރާނާއި އެމެރިކާއާ ދެމެދުވެސް ދަނީ ކަނޑުމަތީގައި ހަމަލާ ބަދަލުކުރަމުންނެވެ. އެމެރިކާގެ ރައީސް ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅުންހުރި ތަނަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އަނެއްކާވެސް ދެއްވާފަ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ވަނީ ފީފާއެއް 100 ޑޮލަރަށްވުރެ މައްޗަށް އަރާފަ އެވެ.

"އެކްސިސް އޮފް ރެސިސްޓެންސް" ގެ ނަމުން މަޝްހޫރު އީރާނަށް ތާއީދުކުރާ އިއްތިހާދުގެ ބައެއްގެ ގޮތުގައި ބެލެވޭ ހޫތީން، ގާޒާ ހަނގުރާމައިގައި ފަލަސްތީނަށް ތާއީދުކޮށް އިޒްރޭލަށް ޑްރޯން އަދި މިސައިލް ހަމަލާދިނުމުގެ އިތުރުން ރަތްކަނޑުގެ ވިޔަފާރި އުޅަނދުތަކަށް ވެސް ދަނީ ހަމަލާދެމުންނެވެ.

ޔަމަނު ސަރުކާރުގެ ސިފައިން މިހާރު ދަނީ ބާބުލް މަންދަބު ކަނޑުއޮޅީގެ މުހިންމު ސަރަހައްދެއް ކަމަށްވާ ޛުބާބަށް ޖަމާވަމުންނެވެ. އެ ސަރަހައްދާއި ޕެރިމް ރަށުގެ ކޮންޓްރޯލް ހޯދުމަކީ ކަނޑުއޮޅީގެ ބާރު ހޯދުމަށް ވަރަށް މުހިންމު ކަމެކެވެ. ބާބުލް މަންދަބަކީ ގަލްފުގެ ތެޔޮ، ސުއޭޒް ކަނަލް މަގުން ވިލާތަށް ގެންދިއުމަށާއި، ރަޝިޔާގެ ތެޔޮ އޭޝިއާއަށް ގެންދިއުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް މަގެވެ.

ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމަކީ ރައީސް ޓްރަމްޕްގެ މަގުބޫލުކަން ދަށްވުމަށް ދިމާވި ސަބަބެކެވެ. ޓްރަމްޕް ތުހުމަތު ކުރައްވާ ގޮތުގައި އީރާނުން މަސައްކަތް ކުރަނީ އެމެރިކާގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބަށްފަހު ވަގުތުން ހަނގުރާމަ ނިމޭނެ އެވެ. ނަމަވެސް ވައިޓް ހައުސްގެ އިސް މުޝީރުން އިންޒާރު ދެއްވާ ގޮތުގައި މި ހަނގުރާމަ ޓްރަމްޕްގެ ދައުރު ނިމެންދެން ވެސް ދެމިގެން ހިނގައިދާނެ އެވެ.

މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާއިރު، އީރާނުން ބުނަމުންދަނީ އެގައުމުގެ ނިއުކްލިއާ މަސައްކަތަކީ ސުލްހަވެރި ބޭނުންތަކަށް ކުރާ މަސައްކަތެއް ކަމަށެވެ. ކަނޑުގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރަން އެމެރިކާއިން މަސައްކަތް ކުރި ނަމަވެސް، އަލުން ހަނގުރާމަ ވަރުގަދަވުމާއެކު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.