ހޫތީން ދިން މިސައިލް އަދި ޑްރޯން ހަމަލާތަކެއް ސައޫދީ އަރަބިއްޔާގެ ތިން ސިޓީއަކަށް އަމާޒުވެފައިވާކަން ޔަމަނުގެ ސަރުކާރަށް އެހީތެރިވާ ކޯލިޝަނުން ކަށަވަރުކޮށްދީފި އެވެ. މި ހަމަލާތައް އަމާޒުވި ސިޓީތަކުގެ ތެރޭގައި ތާއިފް، އަބްހާ، އަދި ހަމީސް މުޝައިތު ހިމެނެ އެވެ.
ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި 13 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. މީގެ އިތުރުން، ބައެއް އާންމު ގޭބިސީތަކަށާއި އުޅަނދުފަހަރަށްވެސް މި ހަމަލާތަކުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
މި ހަމަލާތަކާ ގުޅޭގޮތުން ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރްކީ އަލް މާލިކީ ވިދާޅުވީ، ހޫތީން ބޭނުންކުރި ބެލިސްޓިކް މިސައިލާއި ޑްރޯންތައް އަމާޒުކޮށްފައިވަނީ ގަސްތުގައި އާންމުން ދިރިއުޅޭ މަރުކަޒީ ސަރަހައްދުތަކަށް ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް، އާންމު ރައްޔިތުންނާއި މަދަނީ އުމްރާނީ ވަސީލަތްތަކަށް ނުރައްކާކުރުމަށް ހޫތީން ހިންގަމުންދާ އުދުވާނީ ހަރަކާތްތަކުގެ ބައެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އަލް މާލިކީ ވިދާޅުވީ، ސައޫދީ އަރަބިއްޔާގެ އިސްތިގުލާލާއި ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯލިޝަނުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. މިގޮތުން ދެވޭ ކޮންމެ ރައްދެއްވެސް ދޭނީ އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމިއްލަ ނަފްސުގެ ދިފާއުގައި ފިޔަވަޅު އެޅުމުގެ ހައްގުގެ ދަށުން، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އޭނާ ކަށަވަރުކޮށްދެއްވި އެވެ.
ހޫތީންގެ މިފަދަ ހަމަލާތައް ހުއްޓުވައި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ އަސްކަރީ ފިޔަވަޅުތަކެއް ކޯލިޝަނުން ތަންފީޒު ކުރަމުންދާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.
ފާއިތުވި ދުވަސްތަކުގައި ހޫތީން ގެންދަނީ ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދެމުންނެވެ. މިއާއެކު ޔަމަނުގެ މަސްރަހު ވަނީ އިތުރަށް ގޯސްވެފަ އެވެ.
ޔަމަނު ސަރުކާރުން ވަނީ ރަތްކަނޑުގެ އައްސޭރިފަށަށް އިތުރު ސިފައިން ފޮނުވާނެ ކަމަށް ބުނެފަ އެވެ. މިދިޔަ ހަފުތާގައި ހޫތީން ބަނދަރުމަތީ ރަށެއް ކަމަށްވާ މޮކާއާއި، ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ ރަށެއް ހިފުމަކީ ލިބުނު ހިތްދަތި ނާކާމިޔާބީއެއް ކަމަށް ޔަމަނުގެ ސަރުކާރުން ބުނެ އެވެ.
ބޮޑެތި ނަންތައް ފަހަތަށް ޖައްސާލައި ޓޮމް ހޮލޭންޑް ކުރިއަށް!
ޕީއެންސީގެ މެންބަރުންގެ އަދަދު 80،000އަށް އަރައިފި: ރައީސް
ރިސޯޓުތަކުން މާރުކުރަންޖެހޭ އަދަދަށް ބަދަލެއް ނުގެންނާނެ: އުޝާމް

ހަނގުރާމަ ވަރުގަދަވެ، ސައުދީއަށް ހޫތީން ގިނަ ހަމަލާތަކެއް ދީފި
ހޫތީން ރަތްކަނޑުގެ މުހިންމު ބަނދަރެއް ހިފައިފި