ވޮޝިންޓަން (17 މެއި) - އެމެރިކާއިން އިޒްރޭލަށް 735 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ހުށައަޅާފައިވާ ކަމަށް އެ ގައުމުގެ ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.

މި ހަތިޔާރުގެ ވިޔަފާރިކުރަން މެއި މަހުގެ ފަސް ވަނަ ދުވަހު އެ ގައުމުގެ ކޮންގްރެސްއަށް ހުށައަޅާފައިވާ ކަމަށް އެ ނޫހުގައިވެ އެވެ. އެއީ އިޒްރޭލާއި ފަލަސްތީނާ ދެމެދު މިހާރު ކުރިއަށް ދާ ކުރިމަތިލުންތައް ފެށުމުގެ ހަފްތާއެއްހާ ދުވަސް ކުރިންކަން ފާހަގަ ކޮށްލަން ޖެހެ އެވެ.

އެމެރިކާގެ ގާނޫނު އޮންނަ ގޮތުން ބައިނަލްއަގްވާމީ ބޮޑު ވިޔަފާރިއެއް ކުރާނަމަ ކޮންގްރެސްއަށް ހުށައަޅައި އެމަޖިލީހުގެ ހުއްދަ ހޯދަން ޖެހެ އެވެ.

ވިއްކުމަށް ހުށައަޅާފައިވާ ހަތިޔާރުތަކުގެ ތެރޭގައި ސްމާޓް ބޮމާއި މިސައިލްތަކަށް ބަދަލުވާ ޖޮއިންޓް ޑައިރެކްޓް އެޓޭކް މިއުނީޝަން ފަދަ ނުރައްކާތެރި ހަތިޔާރުތައް ހިމެނެ އެވެ.

މި ރިޕޯޓާއެކު އެ ގައުމުގެ ގާނޫނު ހަދާ ފަރާތްތަކުން ވަނީ ރައީސް ޖޯ ބައިޑަންގެ އިންސާނީ ޙައްގުތައް ރައްކާތެރި ކުރުމުގެ ސިޔާސަތުތައް ދޯހަޅިކަމަށް ބުނެ ހަތިޔާރު ވިއްކުމަކީ އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަށް ވާގިވެރިވުންތޯ ސުވާލު އުފައްދާފަ އެވެ.

އެމެރިކާއަކީ ފާޅުގައި އިޒްރޭލުގެ އަމަލުތައް ދިފާއުކޮށް އެ ގައުމަށް ވާގިވެރިވާ ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ގައުމެކެވެ.

މިހާރު ޣައްޒާގައި ހިނގަމުންދާ ކުރިމަތިލުންތަކާ ބެހޭ ގޮތުން ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވަނީ އިޒްރޭލަށް އެ ގައުމުގެ ސިޔާދަތާއި ރައްޔިތުން ދިފާއު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. --އަލް އަރަބިއްޔާ