އެމްޓީސީސީން ވިއްކާ ޔަންމާ، ސުޒުކީ އިންޖީނާއި ރެސިންގެ އަގުތަކަށް ހެޔޮ ކޮށްފި އެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނިން ވިއްކާ "ޔަންމާ" އާއި "ސުޒުކީ" އިންޖީނުގެ އިތުރުން އޮޑިދޯނި ފަހަރުގައި ބޭނުންކުރާ "ސްކޮޓް ބާޑާ" ރެސިންގެ އަގުތައް ހެޔޮކޮށްފައިވާ ކަމަށެވެ. މި ބަދަލު ގެނެސްފައި ވަނީ ސަރުކާރުން މެރިން އިންޖީނާއި މަސްވެރި ކަމާއި ގުޅުންހުރި އުފެއްދުންތަކުން ޑިއުޓީ މާފުކުރުމާއި ގުޅިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން އަގުތަކަށް ގެނައި ބަދަލާއެކު ސުޒުކީ އައުޓްބޯޑް އިންޖީނުތަކުން ބައިލައްކަ ރުފިޔާއާއި ހަމައަށް އަގު ހެޔޮ ވެގެންދާނެ އެވެ. އަދި ޔަންމާ އިންބޯޑް އިންޖީނުން ތަކުން ވެސް ހަތްލައްކަ ރުފިޔާ އާއި ހަމައަށް އަގު ހެޔޮ ވާނެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މެރިން އިންޖީނު ވިއްކާ ކުންފުނިން ބުނީ އިންސްޓޯލްމަންޓަށް އިންޖީނު ނަގާއިރު ދައްކާ ޑައުން ޕޭމަންޓް ވެސް ކުޑަކޮށްފައިވާ ކަމަށެވެ. އެ ގޮތުން ސުޒުކީ އިންޖީނު ގަންނަ ފަރާތްތަކަށް ޑައުންޕޭމެންޓުން 40 ޕަސެންޓުން 20 ޕަސެންޓަށް ދަށްކޮށް ފައިސާ ދެއްކުން 12 މަހާއި ހަމައަށް އެމްޓީސީސީން ބަހާލައި ދޭނެ އެވެ. އަދި ޔަންމާ އިންޖީނު ޑައުންޕޭންމެންޓް 35 ޕަސެންޓުން 20 ޕަސެންޓަށް ދަށްކޮށް ފައިސާ ދެއްކުން 36 މަހާއި ހަމައަށް ބަހާލައި ދޭނެ އެވެ. ރެސިންގެ އަގުތަކަށް ގެނައި ބަދަލުގެ ތަފްސީލުތައް އެމްޓީސީސީ "ކަށަވަރު" ޝޯރޫމުން ދެ އެވެ.