ސްޓްރޯކްއަކީ ސިކުނޑިއަށް ލޭ ފޯރުކޮށްދޭ ނާރުތައް ބެދި ނުވަތަ ލޭ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ކުއްލިއަކަށް ކުރިމަތިވާ ނުރައްކާތެރި ހާލަތެކެވެ.

މިއީ ދުނިޔޭގެ ނިސްބަތުން މީހުން މަރުވުމާއި، ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ މައިގަނޑު ސަބަބުތަކުގެ ތެރެއިން އެއް ކަމެކެވެ.

ނަމަވެސް، ދިރިއުޅުމުގައި ގެންގުޅޭ ބައެއް އާދަތަކަށް ބަދަލުު ގެނައުމާއި، ސިއްހީ ކަންކަމަށް ސަމާލުވުމުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑު ތަނުން ކުޑަކުރެވިދާނެ ކަމަށް ނާރުގެ ޑޮކްޓަރުން ފާހަގަ ކުރައްވަ އެވެ.

1. ހަރަކާތްތެރި ދިރިއުޅުމެއް އުޅުން

ސްޓްރޯކުން ރައްކާތެރިވުމަށްޓަކައި ބަރު ކަސްރަތުތަކެއް ކުރާކަށް ނުޖެހެ އެވެ. ހަފުތާއަކު މަދުވެގެން 150 މިނެޓު މެދުމިނުގެ ކަސްރަތެއް (ހަލުވިކޮށް ހިނގުން، ބައިސްކަލް ދުއްވުން ނުވަތަ ނެށުންފަދަ ކަމެއް) ކުރުމަކީ ހިތާއި ސިކުނޑީގެ ސިއްހަތަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ގިނައިރު ވަންދެން އެއް ތަނެއްގައި އިނދެގެން މަސައްކަތް ކުރުމުގެ ބަދަލުގައި ކޮންމެ 30 އާއި 60 މިނެޓަކުން ކުޑަކޮށް ތެދުވެ ހިނގާލުމަކީ ވެސް މުހިންމު ކަމެކެވެ.

2. ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ލޮނު މަދުކުރުން

ކެއުމުގައި ތަކުރާރުކޮށް ތާޒާ މޭވާއާއި، ތަރުކާރީއާއި، ގޮވާމުގެ ބާވަތްތައް ހިމެނުމަކީ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް އެހީވެދޭ ކަމެކެވެ. އެއާއެކު ބޭނުންކުރާ ލޮނުގެ މިންވަރު މަދު ކުރުމާއި، ޕްރޮސެސް ކޮށްފައި ހުންނަ ކާނާއާއި، ހަކުރު ހުންނަ ބުއިންތަކާއި، ފެޓްސް ގިނަ ކާނާއިން ދުރުހެލި ވުމަށް ޑޮކްޓަރުން އިރުޝާދުދެ އެވެ.

3. ނިދި ހަމަކުރުން

އާއްމު ގޮތެއްގައި ކޮންމެ ރެއަކު ވެސް ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިދުމަކީ ސިއްހަތަށް ކޮންމެހެން ބޭނުން ކަމެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ނިދި ނުލިބުމަކީ ލޭގެ ޕްރެޝަރަށް ނޭދެވޭ އަސަރު ކުރުވާ ކަމެކެވެ. ނިދާ ގަޑީގައި ބާރަށް ގުގުރި ދެމޭނަމަ ނުވަތަ ދުވާލު ގަޑީގައި ވަރުބަލިވާނަމަ، އެއީ "ސްލީޕް އެޕްނިއާ"ގެ އަލާމާތަކަށް ވެދާނެތީ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.

4. ސިއްހީ މައްސަލަތައް ދެނެގަނެ ގަވާއިދުން ޗެކްކުރުން

އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް ލޭގެ ޕްރެޝަރާއި، ހަކުރު އަދި ކޮލެސްޓްރޯލް ހުރި މިންވަރު ގަވާއިދުން ޗެކް ކުރުމަކީ ސްޓްރޯކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، ހިތުގެ ވިންދު ހުންނަ ގޮތް ފަދަ މައްސަލަތައް ހުންނަ މީހުން ޑޮކްޓަރުގެ އިރުޝާދުގެ މަތިން ބޭސް ބޭނުން ކުރުމާއި، ގަވާއިދުން ޑޮކްޓަރަށް ދެއްކުން ނުހަނު ބޭނުންތެރި އެވެ.

5. ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުން

ދުންފަތުގެ އެއްވެސް ބާވަތެއް ބޭނުން ކުރުމަކީ ލޭހޮޅިތަކަށް ގެއްލުންދީ ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑު ކުރުވާ ކަމެކެވެ. އެއާއެކު އެނާޖީ ޑްރިންކްސް ފަދަ ތަކެތި ގިނައިން ބޭނުން ކުރުމަކީ ވެސް ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށް މެދުވެރި ކުރުވާ ކަމަކަށްވާތީ، މިއިން ސަލާމަތްވުމަށް ޑޮކްޓަރުން ބާރުއަޅަ އެވެ.

ކުރުކޮށް ބުނާނަމަ، ސްޓްރޯކުން ރައްކާތެރިވުމަކީ ކުއްލިއަކަށް ކުރާ ބޮޑެތި ބަދަލުތަކަކުން ވާނެ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ގެންގުޅޭ ކުދި ކުދި ރަނގަޅު އާދަތަކަކީ ދިގު މުއްދަތެއްގައި ސިކުނޑީގެ ސިއްހަތު ސަލާމަތް ކޮށްދޭނެ ކަންކަމެވެ.