ރަސްމާލެއިން ބިން ދޫކުރުމުގެ މަޝްރޫއާ ގުޅިގެން އިދިކޮޅު އެމްޑީޕީން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއެއް އަންނަ އާދީއްތަ ދުވަހުގެ ރޭ ބާއްވަން ތާވަލުކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 60 އަށްވުރެ ގިނަ މެންބަރުންގެ އެދިވަޑައިގަތުމުގެ މަތިން ބާއްވާ މި ޖަލްސާގެ މައިގަނޑު ބޭނުމަކީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ގުޅޭގޮތުން ޕާޓީގެ ރަސްމީ ސިޔާސަތު ކަނޑައެޅުމެވެ.
މީގެ ކުރިން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ ސިޔާސަތެއް ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބިގެންނުވާ ކަމަށް ބުނެ އެ ޑީލުގެ ތަފުސީލުތައް ހާމަކުރުމަށް ގޮވާލާފަ އެވެ.
މި މައްސަލައިގައި އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އެގޮތުން ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މި މަޝްރޫއަށް ތާއީދުކުރައްވައި ވާހަކަދައްކަވަމުންދާއިރު، ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ތިއްބެވީ އެއާ ދެކޮޅަށެވެ. މީގެއިތުރުން ޕާޓީގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކެވި މެންބަރުންނާމެދު މީގެ ކުރިން ފިޔަވަޅު އަޅާފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ ނުސީދާ އިންޒާރެއް ވެސް ދެއްވާފަ އެވެ.
ނަމަވެސް މި މަޝްރޫއާ މެދު އެމްޑީޕީން އަމަލުކުރާނެ ގޮތުގެ ފަހުގެ ނިންމުން ނިންމާނީ އާދީއްތަ ދުވަހުގެ ރޭ ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާއިންނެވެ.
ތަރުކާރީ ކާން ދަރިންނަށް ބާރުއަޅައި ހޭނުވިދާނެ 6 ގޮތެއް!
އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް 95،000 ރުފިޔާއަށް ބޮޑުކުރަނީ
ރޭޕް މައްސަލަ މުވައްޒަފަކަށް ސާބިތުވާނަމަ ފިޔަވަޅު އަޅާނެ: ވެމްކޯ
އީގަލް ހިލްސްގެ ދިފާއުގައި ނަޝީދު އުޅުއްވާތީ މައްސަލަ ބޮޑުވެއްޖެ
"ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދެނީ އޮޅުވާލައިގެން"