ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ދެނީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދިވެހި ދިދައަށް ބޮސްދީ ގައުމިއްޔަތު ހިމާޔަތްކުރުމުގެ ވައުދާއެކު ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ އެއާ ދިމާ އިދިކޮޅަށް ކަންކަން ކުރަމުންދާ ތަން ކަމަށް ވިދާޅުވި އެވެ.
"މިއަދު ވެރިކަމަށް ވަޑައިގަތުމަށް މިހިރަ ދިދަޔާއޭ، މިއޮތް ވެލިފުކާއޭ، ބާވަތް ބާވަތުގެ ވާހަކަދައްކައި އަޅުގަނޑުމެން ގާހައްދަމުން ގެންދިޔައީ. ރާއްޖޭގެ ރައްޔިތުން ކާތު ބުނީ ތިމަންނާގެ އެކަންޏޭ މި ހިނގަނީ ދިވެހި ލޭ. ދެން ތިބީ ފަރަންޖީންނޭ. ލާދީނީ މީހުންނޭ. އެމްޑީޕީ މީހުންނޭ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި މި ޖަލްސާގައި ނަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދިން ގޮތުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނެތް ކަމަށެވެ. އަދި މިއަދު ވެގެންމިދަނީ ކީއްކަން ރައްޔިތުންގެ މަޖިލީހަށް ވެސް އެނގެން ނެތް ކަމަށް ވިދާޅުވި އެވެ.
"މި ޕާޓީން ކަމެއް ކުރާއިރު އެކަމެއް މި ކުރަނީ ވަރަށް ސާފުކޮށް ރައްޔިތުންނަށް ކިޔައިދީފައި. މިއަދު މިކުރަމުންދާ ކަންތަކުގައި ދެފުށް ފެންނަ އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ފެންނާކަށް ނެތް. ކޮންޓްރެކްޓަކީ ކޮބައިކަމެއް، ވެގެން މިދަނީ ކިހިނެތް ކަމެއް ރައްޔިތުންގެ މަޖިލީހަކަށް ވެސް އެނގޭކަށެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ކަމެއް ކުރާއިރު އެކަމެއް ކުރަނީ ވަރަށް ސާފުކޮށް ރައްޔިތުންނަށް ކިޔައިދީފައި ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ ގައުމުގެ މާލީ ސިޔާސަތުތައް އެކަށައަޅަން ސަރުކާރަށް ނޭނގޭ ކަމަށެވެ. މީގެ އިތުރުން ތަކެތީގެ އަގު އުފުލެމުންދާއިރު ސަރުކާރުން ދަނީ ރައްޔިތުން އަނދަވަޅަކަށް ވައްޓާލަމުން ކަމަށްވެސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތާ މެދު ސަރުކާރުން ފިޔަވަޅުތައް އަޅަމުންދަނީ އެކަށީގެންވާ ވިސްނުމެއް ނެތި ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ދަރަނި ދެއްކުމުގައި ވެސް ވިސްނުންތެރިކަމެއް ނެތި، ހުރިހާ ޑޮލަރެއް ދަރަނި ދެއްކުމަށް ހޭދަކުރަމުންދާ ކަމަށް ވިދާޅުވެ އެކަމަށް ވެސް ފާޑުވިދާޅުވި އެވެ.
"ޖަރުމަނު ކޮންސިއުލޭޓް ބަންދުކުރީ ސަރުކާރުން އިހުމާލުވާތީ"
ދިވެހީންގެ ކަންބޮޑުވުންތައް ޔޫއޭއީގެ ބޮޑުވަޒީރުގެ ސަމާލުކަމަށް
ގަވައިދާ ހިލާފުވާ އުޅަނދުތައް ޓްރެކްކޮށް، މެސެޖް ފޮނުވަނީ
