އިންސާނާގެ އުމުރުން ދުވަސްވަމުންދާ މިންވަރާއި، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް މުސްކުޅިވަމުންދާ ހަލުވިމިން ދެނެގަތުމަށް އަޑު ބޭނުންކުރެވިދާނެ ކަމަށް ފަހުގެ އާ ދިރާސާއަކުން ދައްކައިފި އެވެ. މި ދިރާސާގެ ހޯދުންތައް ޝާއިއުކޮށްފައިވަނީ ސައިންޓިފިކް މަޖައްލާއެއް ކަމަށްވާ "ސައިންސް އެޑްވާންސަސް" ގައެވެ.
އާންމުކޮށް އިންސާނެއްގެ އުފަންދުވަހަށް ބަލައި ހިސާބުކުރާ އުމުރާއި (ކްރޮނޮލޮޖިކަލް އޭޖް)، ހަށިގަނޑުގެ ދުޅަހެޔޮކަމާއި އެތެރޭގެ ނިޒާމުތައް މުސްކުޅިވާ މިންވަރު ދައްކުވައިދޭ އުމުރު (ބަޔޮލޮޖިކަލް އޭޖް) ތަފާތުވެދާނެ ކަމަށް ސިއްހީ މާހިރުން އެއްބަސްވެ އެވެ. އަދި އުފަން އުމުރަށް ވުރެ ހަށިގަނޑުގެ އެތެރޭގެ އުމުރު ދޮށިވުމަކީ ޑިމެންޝިއާ ފަދަ ސިއްހީ ގިނަ މައްސަލަތަކަކަށް މަގުފަހިވާ ކަމެކެވެ.
ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ސެން ފްރެންސިސްކޯ (ޔޫސީއެސްއެފް) އަދި އަޔަލެންޑްގެ ޓްރިނިޓީ ކޮލެޖް ޑަބްލިން ގުޅިގެން ހިންގާ "ގްލޯބަލް ބްރެއިން ހެލްތު އިންސްޓިޓިއުޓް" ގެ ދިރާސާވެރިން ވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން "ސްޕީޗް ކްލޮކް" އެއް ތައްޔާރުކޮށްފަ އެވެ. މި ދިރާސާގައި އެވްރެޖްކޮށް 65 އަހަރުގެ 2،928 މީހެއްގެ އަޑު ރެކޯޑިން ބޭނުންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދުޅަހެޔޮ މީހުންނާއި އަލްޒައިމާސް އަދި ޑިމެންޝިއާ ފަދަ ސިކުނޑީގެ ބަލިތައް ތަހައްމަލުކުރާ މީހުން ހިމެނެ އެވެ.
މި ޓޫލް މެދުވެރިކޮށް އަޑުގެ ބާރުމިނާއި، ވާހަކަދައްކާ ސްޕީޑާއި، ބޭނުންކުރާ ލަފްޒުތައް އަދި އިހުސާސްތައް ފަދަ 700 އަށް ވުރެ ގިނަ ސިފަތައް ތަހުލީލުކޮށްފައިވެ އެވެ.
ދިރާސާއިން ދެއްކި ގޮތުގައި، ދުޅަހެޔޮ ސިއްހަތެއްގައި ތިބި މީހުންގެ އަޑުން ފެންނަ އުމުރާއި ހަގީގީ އުމުރު ވަރަށް އެއްވަރެވެ. ނަމަވެސް، ހަނދާން ނެތޭ ބަލިތައް ހުންނަ މީހުންނާއި ސިކުނޑީގެ މައްސަލަތައް ހުންނަ މީހުންގެ އަޑުން ފެންނަނީ އެމީހުންގެ ހަގީގީ އުމުރަށް ވުރެ މާ ދޮށި އުމުރެކެވެ. މީގެއިތުރުން ކާބޯތަކެތި ލިބުމުގެ ދަތިކަމާއި، ސިއްހީ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބުން ފަދަ އިޖުތިމާއީ ދަތިތައް ތަހައްމަލުކުރާ މީހުންގެ އަޑުން ވެސް އުމުރަށް ވުރެ އަވަހަށް މުސްކުޅިވާ ކަމުގެ އަލާމާތްތައް ފެނިފައިވެ އެވެ.
މި ދިރާސާ އިސްވެ ހިންގެވި އަގުސްޓިން އިބަނޭޒް ވިދާޅުވީ، ހީކުރި ވަރަށް ވުރެ ބޮޑަށް އިންސާނާގެ އަޑުގައި އުމުރުން ދުވަސްވުމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް އެކުލެވިގެންވާ ކަމަށެވެ. އަދި ކުރިމަގުގައި މި ޓެކްނޮލޮޖީ އިތުރަށް ތަރައްގީކުރެވިއްޖެނަމަ، އަގުބޮޑު ޓެސްޓުތަކަކާ ނުލައި ފަސޭހަކަމާއެކު އިންސާނާގެ ސިއްހަތާއި، ސިކުނޑި މުސްކުޅިވަމުންދާ މިންވަރު ވަޒަންކުރެވިދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރޭޕްގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށް
ޝާހިދުގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި
ސޮނާކްޝީގެ ފޮޓޯތަކުގެ މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި