ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑޫ އާއި ފުވައްމުލަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވާން ފަށައިފި އެވެެ.

އެ ދެ ސިޓީ ވެސް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.

ފުވައްމުލަކުން އިއްޔެ ވަނީ 45 މީހަކު ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެ ސިޓީގައި 245 އެކްޓިވް ކޭސް އުޅޭ ކަމަށް ފުވައްމުލަކު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 227 ދިވެހިންނާއި 18 ބިދޭސީންނެވެ. އެ ރަށުން ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދަކީ 352 އެވެ.

އައްޑޫން އިއްޔެ ވަނީ ނުވަ މީހަކު ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެ އަތޮޅުން ޖުމްލަ 201 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. 163 އެކްޓިވް ކޭސް މިވަގުތު އެ އަތޮޅުގައި ރެކޯޑްކޮށްފައިވެ އެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ ހިތަދޫ އަވަށުންނެވެ. އެ އަވަށުގައި 92 މީހަކަށް މިހާރު ތިބީ ބަލި ޖެހިފަ އެވެ.

އައްޑޫ ކައުންސިލުން ވަނީ ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ކައުންސިލްގެ ހިދުމަތްތައް މެދުކަނޑާލާފަ އެވެ. އެ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އައްޑޫ މޮނީޓަރިންނަށް ލާފައިވާތީ އާއި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހިދުމަތްތައް މެދުކަނޑައިލާފައިވާ ކަމަށެވެ. އަލުން ހިދުމަތްތައް ދޭން ފަށާނެ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.

ފުވައްމުލަކު ކައުންސިލުން އެއްވެސް ހިދުމަތެއް މެދުކަނޑާލާފައިވާކަން އަދި ޔަގީން ކުރެވިފައި ނުވެ އެވެ. އެ ރަށުގައި ވަނީ 12 ގަޑިއިރަށް ކާފިއު ވެސް ހިންގަން ފަށާފަ އެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދެ ސިޓީގައި ހަވީރު ހަތަރަކުން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފަ އެވެ.

އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، އެއް ރަށުން އަނެއް ރަށަށް އަދި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުންވެސް މި މުއްދަތުގައި މަނާކޮށްފައިވެ އެެވެ.