ވޮޝިންޓަން (23 މެއި) - ކޮވިޑް- 19ގެ ވެކްސިން ޖެހި ފުރާވަރުގެ ބައެއް ޒުވާނުންނަށް ހިތުގެ މައްސަލަތަކެއް ކުރިމަތި ވަމުންދާތީ އިތުރު ތަހުލީލު ތަކެއް ކުރުމަށް އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން އެދެފި އެވެ.

މެއި 17 ވަނަ ދުވަހު އެ ސެންޓަރުގެ އިމިއުނައިޒޭޝަން ޕްރެކްޓިސަސް ކޮމެޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް- 19ގެ ވެކްސިން ޖެހި ބައެއް ޒުވާނުންނަށް ހިތުގެ ނާރުތައް ފުއްޕުމާއި ހިތުގެ މަސްތައް ހަލާކުވުން ފަދަ މައްސަލަތައް ކުރިމަތި ވަމުންދާ ކަމަށެވެ.

ނިސްބަތުން މި މައްސަލަތައް ކުރިމަތިވާ މީހުން މަދު ނަމަވެސް ސިއްހީ ދާއިރާގެ އޮފިޝަލުން އެކަމަށް ހޭލުންތެރިކޮށް ވެކްސިންގެ އިތުރު ތަހުލީލުތައް ކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލަތައް ދިމާވަނީ ކޮން ބްރޭންޑެއްގެ ވެކްސިނަކުންކަން އާއްމުކޮށްފައި ނުވާއިރު، ސީޑީސީ އިން ވަނީ އިތުރު ދެ ވެކްސިނެއް އެމެރިކާގެ އާއްމުންނަށް ދިނުމަށް ހުއްދަ ދީފަ އެވެ.

ދުނިޔޭގައި އާއްމުކޮށް ދެމުން އަންނަ ފައިޒާ ވެކްސިން އުފައްދާ ކުންފުނި ބައޯންޓެކް އިން ވަނީ އެ ކުންފުނީގެ ވެކްސިންގެ ސަބަބުން ހިތުގެ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ބުނެފަ އެވެ.

މި މަހުގެ ކުރީކޮޅު އެމެރިކާގެ ސިއްހީ އިދާރާތަކުން ވަނީ 12 އަހަރާ 15 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ދިނުން ހުއްދަކޮށްފަ އެވެ. –- އަލް އަރަބިއްޔާ