ކޮވިޑް ޖެހިގެން މިއަދު ހަވީރު އަވަހާރަވި ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއިލް ފަތުހީގެ ޖާނާޒާ ގަލޮޅު ސަހަރާގައި މިރޭ ބާއްވައިފި އެވެ.
އުމުރުފުޅުން 80 އަހަރުގައި ފަތުހީ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާގައި ކޮވިޑަށް ފަރުވާމުންދެނިކޮށް ހަވީރު 5:40 ގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުންޏެވެ. ފަތުހީއަކީ ކޮވިޑް ޖެހިގެން މިއަދު މަރު ތިންވަނަ މީހާ އެވެ.
ވަރަށް މަދު ބަޔަކު ބައިވެރިކޮށްގެން ބޭއްވި ޖަނާޒާ ކުރިޔަށް ގެންދިޔައީ މިރޭ 10:30 ހާއިރު އެވެ.
ގަލޮޅު ސަހަރާއަކީ މިހާރު އާއްމުކޮށް މީހުން ވަޅުލާ ސަހަރާއެއް ނޫނެވެ. އެ ސަހަރާގައި ފަހަކަށް އައިސް ވަޅުލަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރި އިއްޒަތްތެރިންނެވެ.
މާލޭގައި ކޮވިޑް ޖެހިގެން މަރުވާ ހުރިހާ މީހުން ވަޅުލަނީ ހުޅުމާލޭގެ ސަހަރާގަ އެވެ.
ރާއްޖޭގައި އެންމެ ގިނަ ދުވަހު އޮޑިޓާ ޖެނެރަލް ކުރެއްވި ފަތުހީ މަގާމުން ވަކިވެވަޑައިގެންނެވީ ޖެނުއަރީ 16، 2008 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ނޮވެމްބަރު 11، 1993 ވަނަ އަހަރު އެވެ.
ފަތުހީ އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވީ މިނިސްޓަ އޮފް ސްޓޭޓް ފެންވަރުގަ އެވެ. އޭރު އެ މަގާމަކީ ރައީސް އައްޔަންކުރައްވާ މަގާމެކެވެ. އޭނާ އަކީ އެންމެ ފަހުން އެ މަގާމަށް ރައީސް އައްޔަންކުރެއްވި ބޭފުޅާ އެވެ. އޭގެ ފަހުން އެ އޮފީސް އާ ގާނޫނު އަސާސީގެ ދަށުން މިނިވަން މުސްތަގިއްލު އިދާރާއަކަށް ބަދަލުވުމުން އޮޑިޓާ ޖެނެރަލް އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.