ދާރުއްސަލާމް (25 މެއި) - އިޒްރޭލާއި ފަލަސްތީނުގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެމެދު ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އެ ޖަމާއަތުން ޚިލާފުވެންޖެނަމަ އިޒްރޭލުގެ ރައްދު ވަރުގަދަ ވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެ އަނެއްކާ ވެސް ބަހުގެ ވަރުގަދަ އިންޒާރެއް މިއަދު ދެއްވައިފި އެވެ.
ނަތަންޔާހޫ މިހެން ވިދާޅުވީ އިޒްރޭލު-ފަލަސްތީނުގެ މަސްރަހު ފިނިކުރަން ދެގައުމުގެ އޮފިޝަލުންނާ މަޝްވަރާ ކުރުމަށްޓަކައި ދާރުއްސަލާމްއަށް މި ވަގުތު ވަޑައިގެން އުޅުއްވާ އެމެރިކާގެ ސެކެޓްރަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މެދުވެރިއެއްގެ ގޮތުގައި މިސްރު އިސްވެ ވެވުނު އެއްބަސްވުމާއެކު ފަހުގެ ތާރީޚްގައި ޣައްޒާއިން ފެނުނު އެންމެ ވަރުގަދަ ކުރިމަތިލުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
އިޒްރޭލުގެ އިދާރާތަކާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްލިންކަން ވިދާޅުވީ ހަމަލާތަކުގައި ދެ ފަރާތަށް ލިބިގެންދިޔަ ގެއްލުންތަކަކީ ވެސް ބޮޑު ގެއްލުންތަކެއް ކަމުގަ އެވެ. އޭގެ އިތުރުން އޭނާ ވަނީ އިޒްރޭލަށް އެ ގައުމު ދިފާއު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ވިދާޅުވުމަށް ތާއީދު ކުރައްވާފަ އެވެ.
ބްލިންކަން ވަނީ އޭނާގެ ދަތުރުފުޅަކީ އިޒްރޭލާއި ފަލަސްތީނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމުގައި ވިދާޅުވެފަ އެވެ.
އޭނާގެ މި ދަތުރުފުޅުގައި ހުޅަނގު އައްސޭރީގެ ރާމަﷲ ގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާ ބައްދަލު ކުރައްވަން ވަނީ ހަމަ ޖެހިފަ އެވެ. އެއަށްފަހު މިސްރުގެ ގާހިރާއަށާއި އުރުދުންގެ އައްމާން އަށްވެސް އޭނާ ޒިއާރަތް ކުރައްވާނެ އެވެ. --އަލް އަރަބިއްޔާ