ކޮލަމްބޯ (25 މެއި) - ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބަނދަރު ކޮށްފައި އޮތް ޓަގު ބޯޓެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ބޯޓަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ އެވެ.

2،700 ޓަނުގެ ކެޕޭސިޓީ އެއް އެކުލެވޭ އެކްސްޕްރޭސް ޕާލް ނަމަކަށް ކިޔާ މި ބޯޓުގައި ބުރާސްފަތި ދުވަހު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. މި ހާދިޔާ ހިނގީ ބޯޓަށް 25 ޓަނުގެ ނިޓްރިކް އެސިޑް ބަރުކޮށްފައި ވަނިކޮށެވެ.

އެ އަލިފާން ގަނޑު ކޮންޓްރޯލް ނުވެ އުޅެނިކޮށް މިއަދު ހެނދުނު ވަނީ ބޯޓުގައި ބާރުގަދަ ގޮވުމެއް ގޮވައި އަލިފާންގަނޑު އިތުރަށް ވަރުގަދަވެފަ އެވެ.

ގޮވުން ގޮވުމާއެކު ބޯޓުގެ ހުރިހާ ފަޅުވެރިން ބާލައި އެ ސަރަހައްދު ވަނީ އިމެޖެންސީ ހާލަތަށް ގެނެސްފަ އެވެ. އަދި ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކަށް ސްރީލަންކާގެ އިދާރާތަކުން ދަނީ ތައްޔާރު ވަމުންނެވެ.

އުޅަނދުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އަދި ބަނދަރާ އެންމެ މަދުވެގެން 50 ނޯޓިކަލް މޭލު ބޭރަށް އުޅަނދު ގެންދިއުމަށްޓަކައި އެ ގައުމުގެ ދިފާއީ ބާރުތަކުން ވަނީ ބޮޑު އޮޕްރޭޝަނެއް ފަށާފަ އެވެ.

ރޯވެފައިވާ އެކްސްޕްރެސް ޕާލް އަކީ ތިންމަސް ދުވަހު ދުއްވާފައިވާ ބޯޓެކެވެ.-- ސްޕްލޭޝް247