މޮސްކޯ (26 މެއި)- ފާއިތުވި މާޗްމަހު ރަޝިއާއިން ވަނީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ހިންގާ ޖަނަވާރަށް ކޮވިޑް- 19ގެ ވެކްސިންދޭ ޕްރޮގްރާމް އިއުލާން ކޮށްފަ އެވެ.

އެ ޕްގޮގްރާމްގެ ދަށުން އެ ގައުމުގެ ގިނަ ސަރަހައްދުތަކެއްގައި ޖަނަވާރަށް ވެކްސިން ދިނުން މިހާރު ފަށާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.

ޖަނަވާރުގެ ވެޓް ކްލިނިކްގައި ވެކްސިން ދިނުން ކުރިއަށް ދާއިރު އޮޅު ޖަނަވާރުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތަކާއި ޒޫތަކުގައި ގެންގުޅޭ ގިނަ އަދަދެއްގެ ޖަނަވާރަށް މިހާތަނަށް ވެސް ވަނީ ވެކްސިން ދީފަ އެވެ. އޭގެ ތެރޭގައި ބުޅަލާއި ކުއްތާގެ އިތުރުން އޭޕް އަދި މިންކް ވެސް ހިމެނެ އެވެ.

ޖަނަވާރަށް ވެކްސިންގެ ގޮތުގައި ދެމުން އަންނަނީ ކާނިވަކް ކޮވް ވެކްސިންގެ ޑޯޒްތަކެވެ. މި ވެކްސިން އިން ހަ މަސް ދުވަހުގެ މުއްދަތަކަށް ކޮވިޑް އިން ރައްކާތެރި ކޮށްދެ އެވެ.

ޖަނަވާރުގެ ފަރާތުން ކޮވިޑް 19 ފެތުރުން އިތުރުވާ ކަމުގެ ހެއްކެއް ސައިންސްވެރިން ހޯދާފައި ނުވާއިރު އެކި ވައްތަރުތަކުގެ ޖަނަވާރަށް ކޮވިޑް-19 ޖެހިފައިވާކަން ރެކޯޑް ކުރެވިފައިވެ އެވެ. --ބީބީސީ