ޔޫއޭއީ، އަދި އެހެން ގައުމަކާއެކު ވެސް އިޒްރޭލާ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މި ސަރުކާރުން ދުވަހަކުވެސް މަޝްވަރާކޮށްފައިވާނެ ކަމަށާއި އަދި އެކަމާ މަޝްވަރާ ވެސް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ދިޔަރެސް ނޫހުގައި ޖެހި ހަބަރަކާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އިޒްރޭލާ ގުޅުން ބަދަހިކުރުމަށް ޔޫއޭއީއާއެކު މަޝްވަރާކުރި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އިޒްރޭލާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރި ކަމަށް ދިޔަރެސް ނޫހުގައި ހަބަރު ޝާއިއުކުރިއިރު، ފޮރިން މިނިސްޓަރު ދާދިފަހުން ޔޫއޭއީއަށް ދަތުރުފުޅެއް ކުރެއްވި އެވެ. ނަމަވެސް އެއީ އަމިއްލަ ދަތުރުފުޅެއް ކަމަށް އެނގިފައިވެ އެވެ.
އދގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގައި ތަގުރީރުކުރައްވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރޭ ވިދާޅުވީ، ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންގެ ހައްގުތައް ކަށަވަރުކުރުމަށް، މިއަދު، މުޅި ދުނިޔޭގެ ހުރިހާ ގައުމެއް އަތުގުޅާލައިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
"ޒަމާންތަކެއް ވަންދެން، ފަލަސްތީނުގެ ރައްޔިތުންގެ ނިމުމެއް ނެތް އާދޭހަކީ، ގަދަރާއި އިއްޒަތާއެކު، އަމިއްލަ ވަތަނެއްގައި ސުލްހަވެރިކަމާއެކު އުޅުމުގެ ފުރުސަތު ލިބުން. 1967ގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާފެވައިވާ ދެ ގައުމެއްގެ ގޮތުގައި އަދި އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހަމަޖެއްސުމަށް އަޅުގަނޑުމެން ގޮވާލާ ގޮވާލުން އާކުރަން،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖެއިން އިޒްރޭލާ ޑިޕްލޮމެޓިކް ގުޅުން 1965ގައި ގާއިމުކުރި އެވެ. ނަމަވެސް 1974 ވަނަ އަހަރު ރާއްޖެއިން ވަނީ އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފަ އެވެ.
އެފަހުން 2009 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ ޚާރިޖީވަޒީރު އަހުމަދު ނަސީމު އިޒްރޭލަށް ޒިޔާރަތްކޮށް، ޓެލްއަވީވްގައި އޭރުގެ ފޮރިން މިނިސްޓަރު އެވިގްދޯ ލިބަމަންއާ ބައްދަލުކުރެއްވި އެވެ. އަދި ރާއްޖެއަށް އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއާލް"ގެ ޝެޑިއުލް ދަތުރުތައް ބޭއްވުމަށް ނިންމި އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިއުންތަކާ ހެދި އެލްއާލް އިން ދަތުރު ނުކުރަން ނިންމި އެވެ.
ތި ކަމާ އަންނި ވަރަށް ރުޅި އަންނާނެ