ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލް މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ކާށިދޫ ސުވާސާގެ، މުހައްމަދު ސަމާހު ޖުލައި، 2012 ގައި ގެއިން ބޭރަށް ނިކުމެ އުޅޭތަން ފެނިގެން އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުން އޭނާއަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

އެ ހުކުމް އިސްތިއުނާފް ކުރަން ސަމާހުގެ ފަރާތުން ހުށަނާޅާތީ އެ ހުކުމަކީ ނިހާއީ ހުކުމެއް ކަން ކަށަވަރު ކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ އާދަމް ހަލީމަށް ހަމަލާދިން ކަމަށް ސަމާހު ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާ ކަމަށެވެ. އަދި އޭނާ ފަހުން ކުށަށް އިންކާރުކޮށް، އޭނާއަށް މަޖުބޫރީ ހާލަތެއް ކުރިން ކުރިމަތިވީ ކަމަށް ބުންޏަސް އެފަދައިން ބުނާ ހަރުދަނާ ސަބަބުތަކެއް ނުދެއްކޭ ކަމަށް އެ ހުކުމުގައިވެ އެވެ.

އާދަމުގެ ދަރިއެއްގެ ހައްގު އެކުލެވޭ ކުށަކަށް އިއުތިރާފްވުމަށް ފަހު އެ އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށް އިސްލާމީ ފިގުހު އިލްމުވެރިން ބަޔާން ކުރައްވާފައިވާ ކަމަށާއި އެފަދަ އިއުތިރާފްތަކާ އެއްގޮތަށް ހުކުމް ކުރަން ފަނޑިޔާރުންނަށް ލާޒިމްވާނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި އާދަމްގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ އޭނާ މެރުމަށް ކުރި ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.