ކޮވިޑް19 ޖެހި ރަނގަޅުވުމުން ނުވަތަ ވެކްސިން ފުރިހަމަކުރުމުން ހަށިގަނޑަށް ލިބިދޭ ރައްކާތެރިކަން އެއް އަހަރު ދުވަހަށް ނުވަތަ މުޅި އުމުރަށް ވެސް ދެމިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އާ ދިރާސާތަކުން ދައްކައިފި އެވެ.

އެމެރިކާގައި ހެދި ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށް ފަހުން ވެކްސިން ޖެހުން ބޭނުމެއް ނޫނެވެ.

މި ދިރާސާގައި ޓެސްޓް ހެދިފައި ވަނީ މީގެ އެއް އަހަރު ކުރިން ކޮވިޑް ޖެހި ބަލިން ރަނގަޅުވެފައިވާ މީހުންގެ ތެރޭގަ އެވެ. އެ މީހުންގެ ލޭގެ ސާންޕަލްތަކުގައި އެންޓި ބޮޑީސްގެ އަސަރު އަދިވެސް ފެންނަން ހުރުމާއެކު ސައިންސްވެރިން ވަނީ ބަލީގެ އިމިއުނިޓީ ދިގު މުއްދަތަކަށް ދެމިގެންދާ ކަމަށް ނިންމާފަ އެވެ.

ހަމައެއާއެކު ބަލިޖެހި، އޭގެފަހުން ވެކްސިން ޖަހާފައިވާ މީހުންގެ އިމިއުނިޓީ އިތުރަށް ވަރުގަދަ ކަމަށާއި އެ ރައްކާތެރިކަން ވަރަށް ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ދިރާސާ ހެދި ސައިންސްވެރިން ދެކެ އެވެ.

ކޮވިޑް ޖެހުމުން އިމިއުނިޓީ ލިބުނު ކަމުގައި ވިޔަސް ހަމައެކަނި އެފަދަ އިމިއުނިޓީއަކުން އެހާ ގިނަ ދުވަސްތަކަކަށް ބަލިން ރަންކާތެރިކަން ނުލިބޭ ކަމަށް ދިރާސާގައި ބުނެ އެވެ. އެހެންކަމުން ބަލި ޖެހި ރަނގަޅުވި ކަމަށްވިޔަސް ވެކްސިން ޖެހުމަށް ދިރާސާގައި ލަފާދީފައިވެ އެވެ.

މީގެ ކުރިން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑް-19 ގެ އިމިއުނިޓީ ދެމިގެންދަނީ ތިންމަހާ ހަ މަހާ ދެމެދުގެ މުއްދަތަކަށެވެ. --ނިއުޔޯކް ޓައިމްސް