ޣައްޒާ (27 މެއި)- އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އާއި ހުޅަނގު އައްސޭރި އާރާސްތު ކުރުމަށް ތިންމަސް ދުވަހުގެ ތެރޭގައި 95 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް އދ. އިން ފަށައިފި އެވެ.

ފަލަސްތީނުގެ ސަރަހައްދުތަކަށް ހާއްސަ ކޮށްފައިވާ އދ. ގެ ހިއުމައިޓޭރިއަން ކޯޑިނޭޓަރު ލީން ހަސްޓިންގްސް ވިދާޅުވީ މިހާރު ކުރިއަށްދާ މަސައްކަތަކީ އަވަސް އެހީ ބޭނުންވެފައިވާ މައްސަލަތައް ފާހަގަކޮށް ކުރިމަތިލުން ތަކުގައި ލިބުނު އުމްރާނީ ގެއްލުންތަކުގެ ދެނެގަނެތުމުގެ މަސައްކަތް ކަމަށެވެ.

ބުރާސްފަތި ދުވަހު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ބުނެފައި ވަނީ މިވަގުތު އެންމެ ބޭނުން ޖެހިފައި ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާގެ އިތުރުން ސިއްހީ އާލާތްތައް ފޯރުކޮށް ދިނުމަށް ކަމަށެވެ.

އެހީގެ ގޮތުގައި އދ.ގެ ބަޖެޓުން 22 މިލިއަން ޑޮލަރު މިހާތަނަށް ދޫކޮށްފައިވާއިރު ވަކި ވަކި ގައުމުތަކުން ވެސް ވަނީ ޣައްޒާ އަލުން އާރާސްތު ކުރުމަށް އެހީ ދޭނެ ކަމަށް ބުނަމުންނެވެ.

އެގޮތުން ގަތަރުން 500 މިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށް ބުނި އިރު، އެމެރިކާއިން ވެސް ވަނީ އެހީގެ ގޮތުގައި 75 މިލިއަން ޑޮލަރު ފަލަސްތީނަށް ދޭން ނިންމާފަ އެވެ.

ހަމަލާތަކުގައި ލިބުނު އުމްރާނީ ގެއްލުުގެ އަގު ދިހަ މިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެ އެވެ.

ފަލަސްތީނުގެ 237 އާއްމުން ޝަހީދުވި ކުރިމަތިލުންތަކުގައި އިޒްރޭލުން މަރުވެފައި ވަނީ 13 މީހުން ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.

ފަހުގެ ތާރީޚެއްގައި ޣައްޒާގައި އިޒްރޭލުން ހިންގި އެންމެ އަނިޔާވެރި ގަތުލުއާއްމު ހުއްޓުމަކަށް އައިސްފައި ވަނީ މިސްރު މެދުވެރިއެއްގެ ގޮތުގައި އިސްވެ އެއްބަސްވި ސުލްހައިގެ އެއްބަސްވުމަކާ އެކީގަ އެވެ. –-އަލް އަރަބިއްޔާ