ކޮވިޑް-19 އަކީ ފަހުގެ ތާރީޚެއްގައި އިންސާނީ ނަސްލަށް ކުރިމަތިވި އެންމެ ބޮޑު ބަލިމަޑު ކަމެވެ. މި ބަލިމަޑު ކަމުގެ ސަބަބުން ގިނަބައެއްގެ ސިއްހަތަށާއި އާއްމު ދިރިއުޅުމަށް ވެސް ބޮޑު އަސަރެއް ވަނީ ކޮށްފަ އެވެ. އެގޮތުން ކުޑަ ކުދިންނަށް މިހާލަތުގައި ކުރާ އަސަރު ބޮޑުކަމަށް މާހިރުން އައީ އަބަދުވެސް ބުނަމުންނެވެ.
ކޮވިޑްގެ ރާޅުތައް ތަކުރާރުކޮށް ގައުމުތަކަށް ކުރިމަތި ވަމުންދާއިރު، އެ ބަލިމަޑުކަމުގައި ގިނަ ކުޑަކުދިންތަކެއްގެ ސިއްހަތު ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. ކުޑަ ކުދިންގެ ދިފާއީ ނިޒާމުގެ ބާރު ދަށްވުމާއެކު މި ބަލިމަޑުކަމުގައި ހާލު ގޯސްވާ ކުދިންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު ޑޮކްޓަރުންނާއި ސައިންސްވެރިން އަންނަނީ ދެމުންނެވެ.
ނަމަވެސް އެންމެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ބަލިމަޑު ކުޑަކުދިންގެ ސިއްހަތަށް ކުރާ އަސަރު ބަލިމަޑުކަމުން އަރައިގަތުމަށްފަހު އެ ކުދިންނަށް ކުރާ އަސަރު މާބޮޑުވާނެ އެވެ.
އެގޮތުން ކޮވިޑް ޖެހި ރަނގަޅުވުމަށްފަހު ދިމާވާ ސިއްހީ މައްސަލައެއް ކަމަށްވާ މަލްޓި ސިސްޓަމް އިންފްލެމޭޓޮރީ ސިންޑްރޯމް ކުޑަ ކުދިންނަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެ ދިރާސާތަކުގައި ހޯދިފައިވެ އެވެ. ކޮވިޑުން ރަނގަޅުވުމަށްފަހު ފަހެއް ނުވަތަ ހަ ހަފްތާ ފަހުން ޖެހޭ މި ބަލީގައި އެތެރެ ހަށީގެ ގުނަވަންތައް ހަލާކުވެ، ކުއްޖާގެ ހާލަތު ވަރަށް އަވަހަށް ދަށްވެ އެވެ. އެހެން ނަމަވެސް މި ބައްޔަކީ ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ ފަރުވާ ހޯދޭނެ ބައްޔެކެވެ.
ޖިސްމާނީ ސިއްހަތުގެ އިތުރުން ކުޑަ ކުދިންގެ ނަފްސާނީ ދުޔަހެޔޮ ކަމަށް ވެސް ކޮވިޑްގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރެ އެވެ. އެގޮތުން މިޒާޖަށް ބަދަލުއައުމާއި ކަންކަމުގައި މާބޮޑަށް ބިރުގަތުމުގެ އިތުރުން ކިޔެވުން ފަދަ ކަންކަމަށް ދޭ ސަމާލުކަން ކުޑަވުން ހިމެނެ އެވެ.
ބެލެނިވެރިންގެ ގޮތުގައި އަހަރުމެންގެ ޒިންމާއަކީ ކުދިންގެ ފަރާތުން ފެންނަ ސިއްހީ އަދި ނަފްސާނީ ބަދަލުތައް ދެނެގަނެ ވީހާ ވެސް އަވަހަކަށް މާހިރުންގެ ލަފަ އާއި އެހީ ހޯދުމެވެ.